Advertisement

ޝްރޭޔަސް އަށް އޯޑީއައި ކެޕްޓަންކަން ދިނުމުގެ ވާހަކައިގައި ހަގީގަތެއް ނެތް

22 އޮގަސްޓު 2025 - 10:04 0


ޝްރޭޔަސް އަށް އޯޑީއައި ކެޕްޓަންކަން ދިނުމުގެ ވާހަކައިގައި ހަގީގަތެއް ނެތް

22 އޮގަސްޓު 2025 - 10:04 0

މުމްބައި، އިންޑިއާ (އޮގަސްޓް 22) - އިންޑިއާގެ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ޝްރޭޔަސް އައްޔަރު އަށް ދޭން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އިންޑިއާގެ ކްރިކެޓް ބޯޑުން ބުނެފި އެވެ.

މި އަހަރުގެ މާޗް މަހު ބޭއްވި ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދިއިރު، މޮޅު ކުޅުމެއް ދެއްކި ޝްރޭޔަސް އަށް އަންނަ މަހު ޔޫއޭއީގައި ކުޅޭ އޭޝިއާ ކަޕަށް އިންޑިއާ އިން ނެގި ސްކޮޑުން ޖާގަ ދީފައިނުވެ އެވެ. އެއާ އެކު، އިންޑިއާގެ މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުުނުއިރު، އެންމެ ބޮޑަށް ވައިގައި ހިފީ، އޯޑީއައި ފޯމެޓްގެ ޓީމުގެ ކެޕްޓަންކަމުން ރޯހިތު ޝަރްމާ ވަކިވުމުން، އެ މަގާމަށް ޝްރޭޔަސް ހަމަޖައްސަން އުޅޭ ކަމަށް އައި ރިޕޯޓެވެ.

އެހެން ނަމަވެސް، އިންޑިއާ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ، ދެވަޖީތު ސޭކިއާ ވިދާޅުވީ، ޝްރޭޔަސް އަށް އޯޑީއައި ކެޕްޓަންކަން ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ އޭނާ އަށް ވެސް އާ ހަބަރެއް ކަމަށެވެ. އަދި، މިހާތަނަށް އެ ކަހަލަ އެއްވެސް މަޝްވަރާއެއް އިންޑިއާގެ ކްރިކެޓް ބޯޑުން ވެސް އަދި ސެލެކްޓަރުންގެ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވެސް ނުދެއްކޭ ކަމަށެވެ.

ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި، އިންޑިއާގެ އޯޑީއައި ކެޕްޓަންކަން ވެސް ދޭން ނިންމާފައިވަނީ، ދާދި ފަހުން ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ހަަމަޖެއްސި ޝުބްމަން ގިލް އަށެވެ. އަންނަ މަހުގެ އޭޝިއާ ކަޕްގައި ގިލް ހުންނާނީ، ސޫރްޔަކުމާރު ޔާދަވްގެ ކެޕްޓަންކަމުގައި، ވައިސް ކެޕްޓަނެއްގެ ގޮތުގަ އެވެ.

މި އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ތަށި އިންޑިއާ އިން ހޯދިއިރު، އެންމެ މޮޅު ކުޅުމެއް ދެއްކި ޝްރޭޔަސް އަކީ އެ މުބާރާތުގައި އިންޑިއާ އަށް އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ފަސް މެޗުން، 243 ލަނޑު ހަދައިފަ އެވެ. އެވްރެޖަށް ބަލާއިރު މެޗަކަށް 48.60 ލަނޑު ހެދޭއިރު، އެންމެ ރަނގަޅު ސްކޯ ހެދި މެޗުގައި، 79 ލަނޑު ހެދި އެވެ.