Advertisement

ޗެނަލް 13ގެ ބްރޯޑްކާސްޓިން ހުއްޓާލަން އަންގައިފި

21 އޮގަސްޓު 2025 - 21:25 3


ޗެނަލް 13ގެ ބްރޯޑްކާސްޓިން ހުއްޓާލަން އަންގައިފި

21 އޮގަސްޓު 2025 - 21:25 3

ޗެނަލް 13ގެ ބްރޯޑްކާސްޓިން ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

އެ ޗެނަލްގެ ބްރޯޑްކާސްޓު ކުރުން ހުއްޓާލަން އެންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ޖަލްސާ މިރޭ އެ ޗެނަލްއިން ދުރަށް ފޮނުވަން ތައްޔާރިވެފައި ވަނިކޮށް، އަދި މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެ ޖަލްސާ ފެށެން ގާތްވެފައި ވަނިކޮށް ކަމަށް އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް މައުލޫމާތު ދިނެވެ.

ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަންގެ ފޭސްބުކް ޕޭޖުގައި މިރޭ ލިޔެފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ނ. ގެ ދަށުން މިރޭ 08:00 ން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް، އޮގަސްޓް 11، 2025 ގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގާފަައިވާ ކަމަށެވެ.

"ވީމާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅާކަމަށް މި ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެ ބްރޯޑްކާސްޓަރަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ."

ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ނ.


ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާނަމަ، އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން ރަނގަޅުނުކޮށްފިނަމަ އެފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެންގުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި މިފަދަކަމެއް ނުވަތަ ކަންކަން ތަކުރާރުކޮށް ކުރަމުންދާނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުން ނިންމާ ގޮތެއްގެމަތިން ބާތިލުކުރެވިދާނެއެވެ.

މި ފިޔަވަޅާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 ގެ އިސްވެރިންނަށް މިރޭ އެތައް ފަހަރަކު ގުޅި ކަމަށާއި، ބްރޯޑްކާސްޓު ކޮށްފި ނަމަ ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

"މިއީ މިރޭގެ ޖަލްސާ ހުއްޓުވަން ސަރުކާރުން އަންގައިގެން އެޅި ފިޔަވަޅެއް. މިއީ ބަޔަކަށް ޗެނަލްއިން ވިއްކާފައިވާ ވަގުތެއް،" އޭނާ ބުންޏެވެ.

ހަމައެކަނި މިރޭ 8:00 އިން 9:00 އަށް ޖަލްސާ މެދުކަނޑާލަން އެންގީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި، އެއީ ޗެނަލްގެ ހަބަރު ގަޑި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އާންމުކޮށް ގެންނަ 8 ގެ ހަބަރުގެ ބަދަލުގައި އެ ގަޑީގައި ދެއްކީ މިހާރު ކުރިއަށްދާ ޖަލްސާގެ ތައްޔާރީތަކެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ޗެނަލް 13 ގެ ހަބަރު ގަޑި ބްރޯޑްކާސްޓުކުރުން ހުއްޓާލަން އެންގީ، އެ ކޮމިޝަންގެ އަމިއްލަ އިސް ނެގުމަށް ބެލި މައްސަލަ އަކަށް ފަހު ކަމަށެވެ.

އެއީ ޖެނުއަރީ 30، 2025 ގައި ބްރޯޑްކާސްޓްކުރި "އިރާދަން ހަބަރުގެ ބޮޑު ރިޕޯޓް"ގެ މައްސަލައެއް ކަމަށާއި އެ މައްސަލަ ކޮމިޝަނުން އަމިއްލަ އަށް ހުށަހެޅީ ފެބްރުއަރީ 10، 2025 ގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޝަކުވާ ބަލައި ފިޔަވަޅު އަޅަން ނިންމި ތާރީހެއް ކަމަށް ބަޔާނުގައި ވަނީ މި މަހުގެ 13 އެވެ. ނަމަވެސް އެ ތާރީހާއި ފޭސްބުކްގައި ލިޔެފައިވާ ތާރީހު ދިމައެއް ނުވެ އެވެ. ފޭސްބުކް ޕޭޖުގައި މައްސަލަ ނިންމި ކަމަށް ބުނެފައި ވަނީ މި މަހުގެ 11 އެވެ.