21 އޮގަސްޓު 2025 - 07:40 0
21 އޮގަސްޓު 2025 - 07:40 0
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރު ކުރީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ.
އެ މީހުންގެ ތެރެއިން ވިސާމް އާއި ފާރިސް ހައްޔަރު ކުރީ މާޅޮހުންނެވެ. އެއީ އެ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އަދި އާޝިދު ހައްޔަރު ކުރީ ވެރި ރަށް މާލެއިންނެވެ.
ފުލުހުންގެ ބަންދަށް އެ އެންމެން ވެސް ގެންދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައި މާލެ އާއި މާޅޮހުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް އެއް ވަގުތެއްގައި ކަމަށްވެ އެވެ.
މީގެ ކުރިން، މި ހިނގާ އޯގަސްޓު 10، ގައި ފުލުހުން ވަނީ ފަސް މީހެއްގެ ފޯނާއި އަންނައުނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރޭ ހައްޔަރު ކުރި މީހުންގެ ފޯނާއި އަންނައުނު ވެސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
އަބްދުއްރަހުމާނު މަރުވީ ޖުލައި 12، ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާ ނިދާފައި އޮއްވާ ބަޔަކު އެ ގެއަށް ވަދެ، އޭނާގެ ބޮލަށް ރަހުމްކުޑަ ހަމަލާތަކެއް ދިނުމުގެ ސަބަބުންނެވެ. އެއިރު އެ ގޭގައި އަބްދުއްރަހުމާނުގެ އަނބިމީހާ ވެސް ނިދާފައި އޮތެވެ.
އޭނާގެ މަރާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ އެވެ. އަބްދުއްރަހުމާނު ދިރިއުނު ގެ ކައިރީ ބޮޑު ސަރަހައްދަކާއި މޫދު ވެސް ފުލުހުން ބަލައި ފާސް ކުރި އެވެ. އަދި ފޮރެންސިކް ހެކި ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރި އެވެ.
Comment