Advertisement

މަތިވެރި އެއާޕޯޓަށް ބިން ހިއްކައި އެ ތަން ތަރައްގީކުރަން ހަވާލުކުރީ އެމްއޭސީއެލްއާ

19 އޮގަސްޓު 2025 - 22:52 0

އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފާއި ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން: އެމްއޭސީއެލްއިން އަންނަނީ އެމްޓީސީސީއާ ގުޅިގެން ފައިނު އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުން --- ފޮޓޯ: އެމްއޭސީއެލް


މަތިވެރި އެއާޕޯޓަށް ބިން ހިއްކައި އެ ތަން ތަރައްގީކުރަން ހަވާލުކުރީ އެމްއޭސީއެލްއާ

19 އޮގަސްޓު 2025 - 22:52 0

މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައިގެން އެ ތަނުގައި އެއާޕޯޓު ތަރައްގީކޮށްގެން ހިންގަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މަތިވެރީގައި އެއާޕޯޓު ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކުރީ، އއ. އަތޮޅުގެ ރަށްތަކަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލް މުހައިމިނެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ތެރޭގައި މަތިވެރި ފަޅު ހިއްކައިގެން އެއާޕޯޓު ތަރައްގީކުރަން މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވައުދުވެފަ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހިމެނޭ، ނަމަވެސް ބަޖެޓު ތަފުސީލުތައް ނޭނގޭތީ ހަރަދުވާ ވަރު ނޭނގޭ މަޝްރޫއެކެވެ.

އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރިއިރު، އެ ކުންފުންޏަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އެއް ކުންފުންޏެވެ. އެ ކުންފުނިން ބުނަނީ އެއާޕޯޓު މަޝްރޫއުތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަޅަން ހަވާލުވަނީ ސަރުކާރުގެ ސްޓެރެޓެޖިކް ތަރައްގީގެ ލަނޑުދަނޑިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން އެ ކުންފުނިން ވަނީ އެމްޓީސީސީއާ ގުޅިގެން ފައިނުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. ރަށްރަށުގައި ފިޓްނަސް ސެންޓަރުތައް އަޅަން ހަވާލުވީ މިއަދެވެ.

މިއީ މަސައްކަތުގެ ދާއިރާއިން ބޭރުން ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެމްއޭސީއެލްއާ ހަވާލުކުރެވުނު މަސައްކަތެކެވެ. މީގެ ކުރިން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެހެން ކުންފުނިތަކާ ވެސް މި ގޮތަށް މަޝްރޫއުތައް ހަވާލުކުރެވިފައި ވެ އެވެ.

މީގެ ކުރިން ސަރުކާރުން މި ކަހަލަ މަޝްރޫއުތައް ހަވާލުކުރަނީ އެމްޓީސީސީއާ އެވެ. އެމްޓީސީސީއަކީ މި ފަދަ މަސައްކަތްތައް ކުރުމުގެ ގާބިލުކަމާއި ތަޖުރިބާ އާއި އަދި ކޮންޓްރެކްޓިން މަސައްކަތްތައް ކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ.