Advertisement

600 ދުވަހުން ރަސްމާލޭގެ 11 ޕަސެންޓް ހިއްކުމަކީ ކާމިޔާބެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރު އެކްޓިވިސްޓުން ފުށިދިއްގަރުފަޅަށް

18 އޮގަސްޓު 2025 - 10:29 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ހިއްކާފައިވާ ސަރަހައްދެއް: 20 މަހުން ރަސްމާލެގެ %11 ހިއްކުމަކީ ކާމިޔާބެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރު އެކްޓިވިސްޓުން އެތަނުގައި ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


600 ދުވަހުން ރަސްމާލޭގެ 11 ޕަސެންޓް ހިއްކުމަކީ ކާމިޔާބެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރު އެކްޓިވިސްޓުން ފުށިދިއްގަރުފަޅަށް

18 އޮގަސްޓު 2025 - 10:29 1

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށިތާ 600 ދުވަސް ވީއިރު، ހިއްކަން ނިންމި ބިމުގެ 11 ޕަސެންޓު ހިއްކުމަކީ ކާމިޔާބެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުގެ އެކްޓިވިސްޓުން އެ ތަނަށް ގޮސްފި އެވެ.

މިއަދު ފަތިހު ރަސްމާލެއަށް ދިޔަ ސަރުކާރު އެކްޓިވިސްޓުންގެ ތެރޭގައި ރައީސް އޮފީހާއި ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި ތިބި ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓުން ހިމެނެ އެވެ.

އެ މީހުން ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓުތަކުގައި ވެސް ބުނަމުން ދަނީ 129 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ. ހިއްކުމުގެ މަސައްކަތް ނުހުއްޓޭ ކަމަށް ބުނި ނަމަވެސް އެތަނުގައި ޑްރެޖަރެއް އޮތް މަންޒަރު ފެންނަ، ފޮޓޯއެއް ވީޑިއޯއެއް ޕޯސްޓުކޮށްފައެއް ނުވެ އެވެ.

ރަސްމާލެ ހިއްކަން ފެށި ދުވަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ހިއްކަނީ 1153 ހެކްޓަރު ކަމަށެވެ. އެ އަދަދަށް ބަލާއިރު މިހާތަނަށް ހިއްކުނު 129 ހެކްޓަރަކީ 11 ޕަސެންޓެވެ. ނަމަވެސް ސަރުކާރުގެ އެކްޓިވިސްޓުން ބުނަމުން ދަނީ ރަސްމާލެ ހިއްކުން ބާރަށް ކުރިއަށްދާ ކަމަށާއި މިއީ ކާމިޔާބީއެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތާއި ހިލާފަށް ސަރުކާރު އެކްޓިވިސްޓުން ބުނަމުން ދަނީ ފުށިދިއްގަރުން ހިއްކަނީ ޖުމްލަ 1009 ހެކްޓަރު ކަމަށެވެ.

600 ދުވަސް، ނުވަތަ 20 މަހުން ރަސްމާލެ ހިއްކުމުގެ ބޮޑު ބައެއް ނުނިމި އޮތްއިރު، އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެންމެ ފަހުން ކުރަމުންދިޔަ ޑްރެޖަރަށް ސަރުކާރުން ފައިސާ ނުދޭތީ މަސައްކަތް ހުއްޓައިލުމަށްފަހު ވަނީ ގޮސްފަ އެވެ.

ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.

ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.

މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.

ރަސްމާލެ ހިއްކުމަށް ކުރިން ބޭނުންކުރަމުން ގެންދިޔައީ ލަކްސެމްބާގްގެ ދިދައިގައި ދަތުރުކުރާ ޑްރެޖަރެއް ކަމަށްވާ "ފްރާންސިސް ބިއުފޯ" އެވެ. ފަހުން ހިއްކި 100 ހެކްޓަރު ހިއްކީ އެ ޑްރެޖަރުންނެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ނުވަ މަސް ދުވަސް ހޭދަވި އެވެ.

ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި އެންގެވި އެވެ.

އަދި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.