Advertisement

ޗެލްސީ އަށް މޮޅެއް ނުވެވުނު، އާސެނަލުން ޔުނައިޓެޑް ބަލިކޮށްފި

17 އޮގަސްޓު 2025 - 23:24 0


ޗެލްސީ އަށް މޮޅެއް ނުވެވުނު، އާސެނަލުން ޔުނައިޓެޑް ބަލިކޮށްފި

17 އޮގަސްޓު 2025 - 23:24 0

ލަންޑަން (އޮގަސްޓް 17) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ ހަފްތާގައި، ޗެލްސީން ކްރިސްޓަލް ޕެލަސްއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު 1-0 އިން ބަލިކޮށް އާސެނަލުން ފެށުން ވަރުގަދަކޮށްފި އެވެ.

މިދިޔަ މަހު ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޗެލްސީން މި ސީޒަނަށް ދާދި ފަހުން ޕްރީ ސީޒަން ފެށިއިރު، ލީގުގެ ފުރަތަމަ މެޗުގައި ޕެލަސްއާ ދެކޮޅަށް އެ ޓީމުން ގަތް ގިނަ ކުޅުންތެރިންތަކެއް ބޭނުންކުރި އެވެ.

މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަމާއި މި ސީޒަނުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ޕެލަސް އިން ޗެލްސީ ކޮޅަށް މި މެޗުގައި ގޯލެއް ޖެހި އެވެ. އެ ގޮތުން، ޕެލަސްގެ އެބެރޭޗީ އެޒޭ ހިލޭ ޖެހުމަކުން ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެއީ، ޕެލަސްގެ ކެޕްޓަން، މާކް ގޭހީ، ޗެލްސީގެ ދިފާއީ ފާރާ އެއް މީޓަރަށް ވުރެ ކައިރީގައި ހުރުމުންނެވެ.

ޗެލްސީގެ ރީސް ވިލިއަމްސް (ވ) ކައިރިން ބޯޅަ ހޯދަން އެޒޭ މަސައްކަތްކުރަނީ.


ލަނޑެއް ޖެހޭތޯ ޗެލްސީން ބަދަލަކަށް ކުޅެން އެރުވި، އެސްޓެވާއޯ އާއި ލިއަމް ޑެލަޕް ފޮނުވާލި ހަމަލާތައް ގޯލަކަށް ހަދައިނުލެވުނުއިރު، ޕެލަސްގެ ޖިއަން ޕިލީޕޭ މަޓޭޓާ އާއި އެޒޭ ފޮނުވާލި ބޯޅަތައް ޗެލްސީގެ ކީޕަރު، ރޮބަޓް ސަންޗޭޒް މަތަކުރި އެވެ. މިއީ، 1995 ވަނަ އަހަރުގެ ފަހުން، ޕެލަސް އާއި ޗެލްސީގެ މެޗެއް ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑުން އެއް ވަނަ ގޯލްކީޕަރު، އަންދްރޭ އޮނާނާ ނުލައި، އާސެނަލާ ދެކޮޅަށް ކުޅެން ޖެހުނު މެޗުގައި، ޔުނައިޓެޑްގެ ގޯލު ބެލެހެއްޓީ ތުރުކީގެ ކީޕަރު، އަލްޓޭ ބަޔިންދީރު އެވެ. މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކީޕަރު ބަޔިންދީރު ހެދި ގޯހެއްގެ ފައިދާނަގައި، އާސެނަލްގެ އިޓަލީ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ ޖެހި ގޯލުންނެވެ.

މި މެޗުގައި ޔުނައިޓެޑްގެ މަޓެއުސް ކޫންޏާ ޖެހި ބޯޅަތައް ހުއްޓުވުމުގައި އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ނުޖެހި މެޗުން ބަލިވީ އެވެ.