Advertisement

ހައިޝަމްގެ އެނބުރި އައުން ވަރުގަދަ، އުންމީދު ހާސިލްކުރީ ކެރިގެން

17 އޮގަސްޓު 2025 - 06:28 5

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ހައިޝަމްގެ އެނބުރި އައުން ވަރުގަދަ، އުންމީދު ހާސިލްކުރީ ކެރިގެން

17 އޮގަސްޓު 2025 - 06:28 5

"ކޯޗު ކައިރީގައި ވެސް ބުނިން، މިއައީ ކަމެއް ކުރަންށޭ. ބުނެފައި އައީ، އައިސްފައި ދެން އޭތި ޕްރޫވްކޮށްލައިދިނީ،"

ވ. ކެޔޮދޫ އަށް އުފަން، ހައިޝަމް އިބްރާހިމް އަލީ، 22، ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު، މުބާރާތްތަކެއް ނުކުޅެ، ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނަށް އައިސް، ގައުމީ ޓީމުން އަލަށް ފުރުސަތު ހޯދި ގޮތާ ބެހޭގޮތުން "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބުންޏެވެ.

ރިވައިވަލްގެ ސްކޮލަޝިޕެއް ލިބި ރަނގަޅު ކެރިއަރެއް ބިނާކުރަން، ފެށި ދަތުރުގައި، ހައިޝަމް ރަނގަޅު ފޯމެއްގައި ހުއްޓައި ކުޅުން ހުއްޓާލަން ޖެހުނީ، 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ނެގި ގައުމީ ސްކޮޑަށް ނޭރުމުންނެވެ.

އެކަމަކު، އޭގެ ދެ އަހަރު ފަހުން، އާ ފެށުމަކުން ފަށަން އެނބުރި އައިސް މި ވަނީ ސިލެކްޝަނުގައި ހުނަރު ދައްކައި، 32 ފިރިހެން ކުޅުންތެރިން ވާދަކުރި ސިލެކްޝަނެއްގެ ތެރެއިން ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ.

ހައިޝަމްގެ އުމުރުން އެންމެ 17 އަހަރުގައި ރިވައިވަލްއާ ގުޅެ، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މަޑުމަޑުން ކުރިއަށްދިޔައީ، ޓީމުގައި ތިބި ކުޅުންތެރިންނާއި ކޯޗު، ނަޝްފާން މުހައްމަދުގެ އެއްބާރުލުމާ އެކުގަ އެވެ.

އެ ގޮތުން، ތުރުކީގައި އޮތް ޖޫނިއާ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކޮށް، ހައިޝަމް ދައްކައިދިނީ އުންމީދީ ކުޅުމެކެވެ.

"ތުރުކީ ޖޫނިއާ ޓޯނަމެންޓަށް ގޮސް، ޓޯނަމެންޓް ނިންމާފައި އައިސް، އަސްލު ހައިޝަމް ޓްރެއިނިން ކުރިއަށްގެންދަން ފެށީ ޒަޔާން، ނަބާ، ނަބީ، ތޯއިފް، ރިޝްވާން އެ މީހުންނާ އެކީ، ދެން، ރަނގަޅުވަމުން ރަނގަޅުވަމުން އައިސް ވަރަށް ރަނގަޅުވި، ދެން، ކުޅުނީ އެޓޯލް ލީގު، ކުޅެގެން އޭގެއިން ޗެމްޕިއަންކަން ލިބުނު،" ހައިޝަމް ބުންޏެވެ.

ހައިޝަމް ދެކޭ ގޮތުގައި، ރާއްޖޭގެ އެންމެ ހުނަރުވެރި، ސީނިއާ ކުޅުންތެރިންނާ އެކު، ގަވާއިދުން ޕްރެކްޓިސްކޮށް މެޗުތަކެއް އޭރު ކުޅުމުގެ ފައިދާ ވަރަށް ބޮޑަށް އޭނާ އަށް ކުރިއެވެ. އަމިއްލަ ހުނަރު ޑިވެލޮޕްކޮށް، ތަފާތު ލެވަލަކަށް އައުމަށް ހައިޝަމް އަށް މަގުކޮށުނެވެ.

"އެނގޭ އަސްލު މުބާރާތުގައި ކުޅޭއިރު، ކޮންފިޑެންސް އިނދޭ، އެ މީހުންނާ އެކީ ކުޅެފައި، އެހެންމީހަކާ އެކީ ކުުޅުނީމަ އެ ކޮންފިޑެންސް ވަރަށް އިނދޭ. އޭތި ބަލާނަމަ، ގައުމީ ޗެމްޕިއަނާ އެކީ އެންމެ ފަހުން ގައުމީގައި ކުޅެފައި އިންނާނީ. އެ މެޗު ތިން ސެޓަށް ގޮސްގެން ކިރިޔާ ހަމަ ދިޔައީ، އެ ކޮންފިޑެންސް ބިލްޑްވެފައި އިނީ އެ މީހުންނާ އެކީ، ކުޅޭތީ ދޯ،" ކުޅުމަށް އިތުބާރު ލިބުނު ގޮތަށް އިޝާރާތްކޮށް ހައިޝަމް ކިޔައިިދިނެވެ.

އެހެން ހުރިހާ ކުޅުންތެރިންނެކޭ އެއް ގޮތަށް ހައިޝަމް ވެސް ކެރިއަރުގައި އެންމެ ބޮޑަށް އެދިގެން ހުރީ ގައުމީ ޓީމަށް ކުޅޭށެވެ. އެ ގޮތުން، ރިވައިވަލްއާ ގުޅި އެންމެ ބުރަކޮށް މަސައްކަތްކުރީ، 2023 ވަނަ އަހަރު މަޑަގަސްކަރާގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ގައުމީ ސްކޮޑަށް އެރުމަށެވެ.

އެކަމަކު، އިންސާފުވެރި ފުރުސަތެއް ވެސް ޓީމަށް އަރަން ނުލިބި، ހައިޝަމް ގައުމީ ސްކޮޑަށް ނޭރި އެވެ. ގައުމީ ރޭންކިން އަށް ބެލިޔަސް ރަނގަޅު ހިސާބެއްގައި ހުރި ހައިޝަމް އަށް ގައުމީ ޓީމުގެ ދޮރު ބަންދުވި ގޮތުން، މި ކުޅިވަރަށް ދޫވެފައި އޮތް އޭނާގެ ހިތް މަރުވީ އެވެ.

"ހައިޝަމް، (ކުޅުން) ހުއްޓާލީ 2023 ގައި، ހުއްޓާލި ސަބަބަކީ، އެ ޗާންސް ނުލިބުނީމަ، އައިއޯއައިޖީ އަށް، އަސްލު އޭތި ހައިޝަމް އަކަށް، ފެއާއެއް ނޫން، ހައިޝަމް މިކޮޅުގައި ފޯ އިޔާސް ސެކްރިފައިސް (ހަތަރު އަހަރު ގުރުބާން) ކުރިން. ރަށާ ދުރުގައި، އަސްލު އެހާ ފަސޭހައެއް ނޫން، މަންމަ އާއި ބައްޕައާ ދުރުގައި، ހުރުން، އަނެއްބުނާނަމަ، ޖޮބެއްގައެއް ވެސް ނޫން އުޅުނީ، އެ ބައި އެއްކޮށް ދޫކޮށްލާފައި މި ކަމަށް ހުސްވެގެން، އައިއޯއައިޖީއާ ހިސާބުން ހައިޝަމް އަށް ނުލިބުނު އެއްވެސް ފުރުސަތެއް ޓީމަށް އަރާކަށެއް،" މިހާތަނަށް އޮތީ ކުރު ކެރިއަރެއް ނަމަވެސް، އެންމެ ހިތްދަތި ހަނދާނެއްގެ ގޮތުގައި ސިކުނޑީގައި ހުރި ކަންކަން ހައިޝަމް ހިއްސާކުރި އެވެ.

"ފެއާ ސެލެކްޝަނެއް ވެސް ނެތް. އަސްލު ހައިޝަމް ރޭންކިން ވެސް އިނީ، އެކަމަކު، ހައިޝަމް އަކަށް ނުލިބުނު އެ ޗާންސެއް. އެ ޗާންސް ނުލިބުނީމަ ވަރަށް ދެރަވި،"

ރަށަށް އެނބުރި ގޮސް ބެޑްމިންޓަން ކުޅުމާ ދުރުގައި ހައިޝަމް ހުރިއިރު ވެސް ރިވައިވަލް އިން ދިޔައީ ބަރާބަރަށް އޭނާގެ ކަންކަން ބެލޭނެ މިންވަރަކަށް ބަލަމުންނެވެ.

ހައިޝަމް އެކަން ފާހަގަކުރުމުގެ ގޮތުން ބުނެފައިވަނީ، ރިވައިވަލްގެ ކޯޗު ނަޝްފާން އަބަދު ވެސް އޭނާ އަށް ގުޅައި، އެނބުރި އާދެވޭނެ ފުރުސަތަކަށް ބަލަ ބަލައި ހުންނަ ކަމަށެެވެ.

އެ ގޮތުން، މި ފަހަރުގެ ގައުމީ ޓީމުގެ ސިލެކްޝަނުގެ ފުރުސަތުގެ ވާހަަކަ ރިވައިވަލްގެ ފަރާތުން އެނގުމުން، އަމިއްލަ ނަފްސަށް އިތުރު ފުރުސަތެއް ދިނުމުގެ ވިސްނުމާ ވެސް އެކު، ހައިޝަމް، އަލުން ބެޑްމިންޓަން ކުޅެލަން އަތުކުރި އޮޅާލީ އެވެ.

"ސިލެކްޝަން އިނީމަ، ހައިޝަމް ވިސްނީ އެނބުރި ދާނީއޭ. ގާތްގަނޑަކަށް މި ކޮޅަށް އައިތާ އަދި ވާނީ ހަަތަރު ވަރަކަށް ފަސް ވަރަކަށް ދުވަސް. އަނެއްހެން މާގިނަ ޕްރެކްޓިހެއް ވެސް ނުކުރަން. ގާތްގަނޑަކަށް 45 މިނިޓްސްވަރު ކޯޓުގައި ޝަޓްލްސް ޖަހާލައިފައި. ދިޔައީ ކުޅެން، ލައްވާލި ގްރޫޕްގެ ގޮތުން ވެސް އެނގޭ މި ފަހަރު ޖެހޭނެކަން މި ކަންކުރަން. ކޯޗު ކައިރީގައި ވެސް ބުނިން، މިއައީ ކަމެއް ކުރަންށޭ. ބުނެފައި އައީ، އައިސްފައި ދެން އޭތި ޕްރޫވްކޮށްލައިދިނީ،" ހައިޝަމް ބުންޏެވެ.

ބެޑްމިންޓަނަކީ މުޅި ރާއްޖެ އަށް ބެލިޔަސް، ދެ ޖިންސުގެ ގިނަ އަދަދެއްގެ ބަޔަކު ކުޅޭ ކުޅިވަރެކެވެ. މި ފަހަރުގެ ސިލެކްޝަނުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން އައިސް ވާދަކުރި އެވެ. ހައިޝަމް ބުނީ، މި ގޮތަށް ގައުމީ ޓީމުގެ ސިލެކްޝަނެއް ބާއްވާނަމަ، މިއީ ރަށްރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިން ގައުމީ ޓީމަށް އައުމަށް ކޮށިގެންދާ މަގެއް ކަމަށެެވެ.

"މި ކަހަލަ ސިލެކްޝަން އެއްޗެހި ބާއްވާނަމަ، ރަށްރަށުގެ ކުޅުންތެރިންނަށް ލިބޭނެ ހޯޕެއް، ޕްރެކްޓިސްކޮށްފައި އައިސް ކުޅެގެން މި ކޮޅުގައި ސިލެކްޝަނުން ދެވޭނެކަން، އަލަށް ކަންނޭނގެ މި ކަހަލަ ކަމެއް ކުރީ ވެސް، އަސްލު ކުރީމަ ވަރަށް ރަނގަޅު،" ހައިޝަމް ބުންޏެވެ.

ހައިޝަމް ވަނީ، ކެރިއަރުގައި އަލުން ކުރިއަށްދާން ރިވައިވަލް އިން މި ފުރުސަތު، އަނެއްކާ ވެސް ދިނީތީވެ، ކޯޗު ނަޝްފާން އާއި ރިވައިވަލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.