Advertisement

އުމުރުން 45 އަަހަރުގެ ވީނަސް ވިލިއަަމްސް އަށް ޔޫއެސް އޯޕަންގެ ވައިލްޑް ކާޑް ޖާގައެއް

15 އޮގަސްޓު 2025 - 05:46 0


އުމުރުން 45 އަަހަރުގެ ވީނަސް ވިލިއަަމްސް އަށް ޔޫއެސް އޯޕަންގެ ވައިލްޑް ކާޑް ޖާގައެއް

15 އޮގަސްޓު 2025 - 05:46 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 15) - އުމުރުން 45 އަހަރުގެ ވީނަސް ވިލިއަމްސް އަށް ކުރިއަށް އޮތް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ޔޫއެސް އޯޕަންގެ ވައިލްޑް ކާޑް ޖާގައެއް ދީފި އެވެ.

ވައިލްޑް ކާޑު ފުރުސަތެއްގައި، މި އަހަރުގެ ވޮޝިންޓަން އޯޕަން މުބާރާތުގައި، ވީނަސް ވިލިއަމްސް މެޗެއް ކާމިޔާބުކޮށް، ޑަބްލިއުޓީއޭ ލެވަލްގެ އަންހެން ސިންގަލްސް މެޗަކުން މޮޅުވި ދެ ވަނަ އަށް އެންމެ ދޮށީ އުމުރުގެ ކުޅުންތެރިޔާގެ ރެކޯޑް ވަނީ ހަދައިފަ އެވެ.

އެ ގޮތުން، ވޮޝިންޓަން އޯޕަންގެ އަންހެން ސިންގަލްސް ފުރަތަމަ ބުރުގައި ދުނިޔޭގެ 35 ވަނައިގައި އޮތް އެމެރިކާގެ ޕޭޓަން ސްޓާންސް އަތުން ވީނަސް މޮޅުވެފައިވަނީ، 6-3 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ. ސްޓާންސް އަކީ، ވީނަސް އަށް ވުރެން 22 އަހަރު ހަގު ކުޅުންތެރިއެކެވެ. ވީނަސްގެ ރެކޯޑް ދެ ވަނައިގައި އޮތްއިރު، ޑަބްލިއުޓީއޭ ލެވަލްގެ މެޗަކުން މޮޅުވި އެންމެ ދޮށީ އުމުރުގެ އަންހެން ކުޅުންތެރިއަކީ، މާޓީނާ ނަވްރަޓިލޯވާ އެވެ. އޭނާ މި ރެކޯޑް ހެދީ 2004 ވަނަ އަހަރު، އުމުރުން 47 އަހަރުގައި މެޗަކުން މޮޅުވެގެންނެވެ.

މި މެޗުގެ ކުރިން، އެންމެ ފަހުން، ވީނަސް، ސިންގަލްސް މެޗަކުން މޮޅުވެފައިވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ޓެނިހުގެ ބޮޑެތި މުބާރާތް ކަމަށްވާ ގްރޭންޑް ސްލޭމް ހަތް ތަށި ހޯދާފައިވާ ވީނަސް ޕްރޮފެޝަނަލް މެޗުތަކުގައި މި ކުޅެނީ ދިގު ބްރޭކަކަށް ފަހު އެވެ. އޭނާ މި މުބާރާތުގެ ކުރިން އެންމެ ފަހުން މި ލެވަލްގައި ކުޅެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެހެންކަމުން، މިއީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެނބުރި އައިސް ވީނަސްގެ ފަރާތުން ފެންނަ މޮޅު ކުޅުމެކެވެ.

ބްރޭކަކަށް ފަހު، ޕްރޮފެޝަނަލް ޓެނިހަށް އައި ވީނަސް ވިލިއަމްސް، ޔޫއެސް އޯޕަންގައި ކުޅެނީ ސިންގަލްސްގަ އެވެ. އޭނާ އަކީ، ފާއިތުވި 44 އަހަރު ތެރޭ ޔޫއެސް އޯޕަން ސިންގަލްސްގައި ވައިލްޑްކާޑު ޖާގައެއްގައި ކުޅޭނެ އެންމެ ދޮށީ އުމުރުގެ ކުޅުންތެރިޔާ އެވެ. ޔޫއެސް އޯޕަން ފަށާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.