Advertisement

ބެލޮންޑިއޯގެ ވާހަކަތަކަށް ރޮނާލްޑޯގެ ޝައުގެއް ނެތް

11 އޮގަސްޓު 2025 - 08:25 0


ބެލޮންޑިއޯގެ ވާހަކަތަކަށް ރޮނާލްޑޯގެ ޝައުގެއް ނެތް

11 އޮގަސްޓު 2025 - 08:25 0

ޕެރިސް (އޮގަސްޓް 11) - ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދާނެ ކުޅުންތެރިއަކާ މެދު ވާހަކަ ދެއްކުމުގެ ޝައުގެއް ނެތް ކަމަށް އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ޝޯޓްލިސްޓު ނެރުނުއިރު، އުމުރުން 40 އަހަރުގެ ރޮނާލްޑޯ ނުހިމެނެ އެވެ. ބެލޮންޑިއޯ ހޯދާނެ ކަމަށް އަޑުފެތުރިފައިވަނީ، ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ނޫނީ ބާސެލޯނާގެ ރަފީނިއާ އާއި ލަމީން ޔަމާލް ތެރެއިން ކުޅުންތެރިއަކަށެވެ.

މީގެއިން ކޮން ކުޅުންތެރިއަކަށް ލިބޭނެ ކަމަށް ބެލެވޭތޯ ސުވާލުކުރުމުން، ރޮނާލްޑޯ ބުނީ ބެލޮންޑިއޯ އަކީ ހަގީގަތާއި އެއްގޮތަށް ގިނަ ފަހަރު ކަން ހިނގާ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދައްކައިފަ އެވެ.

ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް މިހާތަނަށް ވެސް ފުރިހަމަ ކޮށްފައިވާ، ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދައިފަ އެވެ.

ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ރޮނާލްޑޯ ބެލޮންޑިއޯ ހޯދާފައިވަނީ، 2008، 2013، 2014، 2016 އަދި 2017 ވަނަ އަހަރު އެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ.

ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، އެކްރެޑިޓްކުރާ ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ. މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ރޮޑްރީ އެވެ. މި ފަހަރުގެ ބެލޮންޑިއޯ ހަފްލާ އޮތީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.