Advertisement

މުސްއަބަށް ލިބުނު ގެއްލުމުގެ ބަދަލަަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ހުކުމްކޮށްފި

10 އޮގަސްޓު 2025 - 13:34 2

އަމަން ހަލީމް

އަމަން ހަލީމް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ މުސްއަބު އަބްދުالله: އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


މުސްއަބަށް ލިބުނު ގެއްލުމުގެ ބަދަލަަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ހުކުމްކޮށްފި

10 އޮގަސްޓު 2025 - 13:34 2

މީގެ ފަސް ވަރަކަށް އަހަރު ކުރިން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުالله ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި މައްސަލައިގައި އޭނާއަށް ބަދަލުގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.

މުސްއަބަށް ބަދަލު ދޭން ސިވިލް ކޯޓުން ހުކުމް ކުރީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައި ވަނިކޮށެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުސްއަބު ވަޒީފާއިން ވަކިކުރީ، އޭނާގެ ދެ މައްސަލައެއް ބެލުމަށް ފަހު އެތަނުން އެއް މައްސަލަ ސާބިތުވާ ކަމަށް ނިންމުމަށް ފަހުގަ އެވެ. އޭނާ މައްޗަށް ސާބިތުވާ ކަމަށް ސީއެސްސީން ކަނޑައެޅީ މެއި 17، 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވިޓާގައި އާންމު ކުރި މައްސަލަ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ ސީއެސްސީ ކޮޅަށެވެ. ނަމަވެސް ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ. ހައިކޯޓުން އެ ހުކުމް ބާތިލުކުރީ، އޭނާ ލީކުކުރި ކަމަށް ބުނީ ލިޔުމަކީ ދައުލަތުގެ ރަސްމީ ލިޔުމެއްކަން އަދި ސިއްރު ލިޔެކިޔުމަކަށްވާ ސަބަބެއް ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ސަސްޕެންޑްކޮށްފައި ހުރި މުއްދަތުގައި މުސާރަ އާއި އިނާޔަތްތަކަށް ލިބެން ޖެހޭ 86،333.33ރ. އާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގައި ބާކީ އޮތް މުއްދަތުގެ މުސާރައަށްވާ 1.1 މިލިއަން ރުފިޔާ ދިނުމަށް އެންގި އެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ބަދަލު ދިނުމުގައި ބައި ހުކުމް އުނިކޮށް، ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ދަށު ކޯޓަށް ހުށަހަޅަން ހުއްދަ ދީފަ އެވެ.

މި ހުއްދައިގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅި ބަދަލު ދިނުމުގެ މައްސަލައިގައި، މުސްއަބު ވަނީ ސަސްޕެންޝަނުގައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތަކާއި އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގެ މުސާރައިގެ އިތުރު އެހެން ބަދަލުތަކާއި ޝަރީއަތުގެ ހަރަދު ވެސް ނަގައިދޭން އެދިފަ އެވެ. އޭގެ ތެރޭގައި:

  • އެއްބަސްވުމުގެ މުއްދަތު ހަމަ ނުވަނީސް ވަޒިފާއިން ވަކިކުރުމުން ލިބެން ޖެހޭ އިނާޔަތްތައް
  • ވަޒީފާއެއް އަދާކުރުމަށް ހުރަސް އެޅުމުން ލިބުނު ގެއްލުމުގެ ބަދަލު
  • ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅުމުންް ލިބުނު ގެއްލުމުގެ ބަދަލު
  • އަބުރަށް ލިބުނު ގެއްލުުމުގެ ބަދަލު
  • ސަސްޕެންޝަނުގައި ހުރި މުއްދަތުގައި ކުރިތިމަވީ ގެއްލުންތަކުގެ ބަދަލު
  • ނަފްސާނީ ގޮތުން ކުރިމަތިލާން ޖެހުުނު ކަންކަމުން ލިބުނު ގެއްލުމުގެ ބަދަލު

މި މައްސަލަ ބެއްލެވި ގާޒީ ޒުލައިހާ ޝީޒާ ހުކުމް ކުރެއްވީ ސިވިލް ސާވިސްގެ ވަޒީފާއިން ދޫކޮށްލަން ޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 40،000ރ. ނަގައިދެވޭނެ ކަމަށެވެ. ނަމަވެސް ދެން ހުށަހެޅި ކަންކަމުގައި ބަދަލު ދޭން ޖެހޭނެ ކަމަށް ބުނާބުނުމުގެ އިތުރަށް ޝަރީއަތަށް ސާބިތުކޮށްދޭން އެއްވެސް ހެއްކެއް ހުށަހަަޅާފައި ނުވާތީ އިތުރު ބަދަލެއް ނަގައިނުދޭވެނެ ކަމަށް ހުކުމުގައި ވެ އެވެ.

މުސްއަބަށް ދައްކަން ޖެހޭ ފައިސާ އާއި އޭނާއަށް ލިބެން ޖެހޭ އިނާޔަތްތަކުގެ ފައިސާ ދައްކާ ހަލާސްކުރަން ސިވިލް ކޯޓުން ދިނީ މަސް ދުވަހުގެ މުހުލަތެވެ.