Advertisement

ސާއިދު ސްޕޯޓްސް އެތުލީޓުންނަށް "ސްޓްރީކް ހީޓްސް" އަންނަ މަހު ބާއްވަނީ

10 އޮގަސްޓު 2025 - 14:57 0


ސާއިދު ސްޕޯޓްސް އެތުލީޓުންނަށް "ސްޓްރީކް ހީޓްސް" އަންނަ މަހު ބާއްވަނީ

10 އޮގަސްޓު 2025 - 14:57 0

އެތުލެޓިކްސް ކްލަބް، ސާއިދު ސްޕޯޓްސް އިން އެ ޖަމިއްޔާގެ އެތުލީޓުންނަށް ހާއްސަކޮށް، "ސްޓްރީކް ހީޓްސް" ނަމުގައި މުބާރާތެއް އިއުލާނުކޮށްފި އެވެ.

އަންނަ މަހު 5 އާއި 6 ވަނަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރާތަކީ، 2017 ވަނަ އަހަރުގެ ފަހުން ސާއިދު ސްޕޯޓްސްގެ އެތުލީޓުންނަށް ހާއްސަކޮށް ބާއްވާ ފުރަތަމަ މުބާރާތެވެެ.

ސާއިދު ސްޕޯޓްސް ވުޖޫދުވި، އެ އަހަރު ބޭއްވި މުބާރާތަކީ، "ސާއިދު ސްޕޯޓްސް ލިޓްލް ޗޭމްޕް ފިއެސްޓާ" އެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަޖިސްޓްރީވުމަށްޓަކައި ސާއިދު ސްޕޯޓްސްގެ ވައިބާ ޗެނަލްގައި ހިއްސާކޮށްފައިވާ، ގޫގަލް ލިންކް މެދުވެރިކޮށް ކަންކަން ފުރިހަމަ ކުރެވޭނެ އެވެ.

ސާއިދު ސްޕޯޓްސް އިން ބުނީ، ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަވާނީ، މަހުފީ ދެއްކުމަށް ފަހު، މުބާރާތުގެ ފީ ދެއްކުމުން ކަމަށާއި އިވެންޓްގެ ކިޓް ހިލޭ ލިބޭނެ ކަމަށެވެ.

"ސްޓްރީކް ހީޓްސް"ގެ އިވެންޓްތައް ބަހާލައިފައިވާ ގޮތަށް ބަލާއިރު، 2019، 2020 އަދި 2021 ވަނަ އަހަރު އުފަންވެފައިވާ 4-6 އަހަރުގެ ކުދިންނަށް، 60 މީޓަރު އިވެންޓާއި 60 މީޓަރު ހާޑްލްސް އަދި ކްރޮސް ކަަންޓްރީ 60 މީޓަރު ޝަޓްލް ރިލޭ އޮންނާނެ އެވެ. އޭގެ އިތުރުން، 2016، 2017 އަދި 2018 ގައި އުފަންވެފައިވާ 7-9 އަހަރުގެ ކުދިންނަށް 60 މީޓަރު އިވެންޓާއި 60 މީޓަރު ހާޑްލްސް އަދި ކްރޮސް ކަންޓްރީ 60 މީޓަރު ޝަޓްލް ރިލޭ އޮންނާނެ އެވެ. އަދި، 2013، 2014 އަދި 2015 ވަނަ އަހަރު އުފަންވި، ކުދިންނަށް 80 މީޓަރު އިވެންޓާއި 150 މީޓަރު އިވެންޓާއި 80 މީޓަރު ހާޑްލްސް އަދި ކްރޮސް ކަންޓްރީ 80 މީޓަރު ޝަޓްލް ރިލޭ ހިމެނެ އެވެ.

"ސްޓްރީކް ހީޓްސް" ގެ ސީނިއާ ކެޓަގަރީ އަކަށް އޮތް، 13-15 އަހަރުގެ އުމުރުފުރާ ހާއްސަކޮށްފައިވަނީ، 2010، 2011 އަދި 2012 ވަނަ އަހަރު އުފަންވި ކުދިންނަށެވެ. އަދި، އެ އުމުރުފުރާ އަށް ކަނޑައަޅާފައި އޮތް އިވެންޓްތަކަކީ، 100 މީޓަރާއި 400 މީޓަރު އިވެންޓާއި 80 މީޓަރު ހާޑްލްސް އަދި ކްރޮސް ކަންޓްރީ 4 ގުނަ 100 މީޓަރު ރިލޭ އެވެ.