Advertisement

ގިނަ ކްލަބްތަކަކުން ފާރަލި ސެސްކޯގެ ގެންދަނީ ޔުނައިޓެޑުން

8 އޮގަސްޓު 2025 - 05:42 0


ގިނަ ކްލަބްތަކަކުން ފާރަލި ސެސްކޯގެ ގެންދަނީ ޔުނައިޓެޑުން

8 އޮގަސްޓު 2025 - 05:42 0

މެންޗެސްޓާ (އޮގަސްޓް 8) - ގިނަ ކްލަބްތަކަކުން ހޯދަން މަސައްކަތް ކުރި އާރްބީ ލައިޕްޒިގަށް ކުޅޭ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯގެ ސޮއިި ހޯދަން މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ސެސްކޯ، 22 ގެންނަން އެންމެ ފުރަތަމަ މަަސައްކަތްކުރީ، އާސެނަލުންނެވެ. އޭގެ ފަހުން، ނިއުކާސަލް ޔުނައިޓެޑުން އެ ރޭހުގައި އުޅުނުއިރު، އެތުލެޓިކޯ މެޑްރިޑާއި އިންޓަ މިލާނުން ވެސް ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު، ޔުނައިޓެޑުން މިހާރު ވަނީ ސެސްކޯ ގަންނަން ލައިޕްޒިގާ އެކު، ޑީލެއް އެއްބަސްވެފަ އެވެ.

ނިއުކާސަލް އިން ސެސްކޯ، ގަންނަން ޖުމްލަ އެކު، 90 މިލިއަން ޑޮލަރު ހުށަހެޅިި އެވެ. ޔުނައިޓެޑުން ސެސްކޯގެ ސޮއި ހޯދަން ކުރި ބިޑް ޖުމްލަ އެކު، އަރަނީ 85 މިލިއަން ޑޮލަރަށެވެ. ސެސްކޯ ބޭނުންވީ ޔުނައިޓެޑަށް ބަދަލުވާން ކަމަށްވާތީވެ، ލައިޕްޒިގުން ނިންމީ ޔުނައިޓެޑާ އެކު މި ޑީލް ކުރިއަށް ގެންދިއުމަށެވެ.

މީގެ ތިން އަހަރު ކުރިން، ސެސްކޯ، ލައިޕްޒިގަށް ބަދަލުވީ 25 މިލިއަން ޑޮލަރަށެެވެ. ލައިޕްޒިގަށް މިހާތަނަށް 87 މެޗުން 39 ގޯލު ޖަހައިދިން ސެސްކޯ ޔުނައިޓެޑްގެ މެޑިކަލްގައި ވަރަށް އަވަހަށް ބައިވެރިވެ، އެ ކްލަބްގެ ކޮންޓްރެކްޓްގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ނިމިގެންދާނެ އެވެ.

ސެސްކޯ ވެގެންދާނީ މި ފަހަރުގެ ޓްރާންސްފާގައި، ކޯޗު ރުބެމް އަމޮރިމްގެ އެދުމުގެ މަތިން ޔުނައިޓެޑުން ގަންނާނެ ތިން ވަނަ ފޯވާޑަށެވެ. މި ފަހަރުގެ ޓްރާންސްފާގައި، ޔުނައިޓެޑުން ވަނީ 80 މިލިއަން ޑޮލަރަށް، ބްރެންޓްފޯޑްގެ ބްރަޔާމް އެމްބުއޭމޯ އާއި 84 މިލިއަން ޑޮލަރަށް، ވުލްވްސް އަށް ކުޅޭ ބްރެޒިލްގެ މަޓެއުސް ކޫންޏާ ގަނެފަ އެވެ.