Advertisement

ބޭންކުން ބަލާ ފައިނޭންޝަލް އެލިޖިބިޓީ ފެއިލުވެ، އެތައް ބަޔަކު ހިޔާވެހި ލޯނު ނުލިބޭ ލިސްޓަށް

7 އޮގަސްޓު 2025 - 14:50 0

އަމަން ހަލީމް

އަމަން ހަލީމް

އިމާރާތްތަކުން ތޮއްޖެހި ފުރިފައިވާ މާލެ މަތިން ނަގާފައިވާ މަންޒަރެއް: މުޅިން އަލަށް އިމާރާތްކުރާ ގެތަކާއި ނުނިމި ހުރި ގެތަކަށް ވެސް ހިޔާވެހި ސްކީމުން ފައިސާ ލިބޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބޭންކުން ބަލާ ފައިނޭންޝަލް އެލިޖިބިޓީ ފެއިލުވެ، އެތައް ބަޔަކު ހިޔާވެހި ލޯނު ނުލިބޭ ލިސްޓަށް

7 އޮގަސްޓު 2025 - 14:50 0

ގެދޮރު އަޅަން މާލީ ގޮތުން ދަތިކަން ކުރިމަތިވާ މީހުންނަށް ލުއި ގޮތްތަކެއް ހޯދައިދޭން ވެގެން ސަރުކާރުން ތައާރަފުކުރި 'ހިޔާވެހި ފައިނޭންސިން ސްކީމް' އަށް ކުރިމަތިލީ 100 އަށް ވުރެ ގިނަ މީހުން ބޭންކުގެ ފައިނޭންޝަލް އެލިޖިބިލިޓީ ފެއިލުވެއްޖެ އެވެ.

ހިޔާވެހި ފައިނޭންސިން ސްކީމަކީ ފަސް ޕަސެންޓު ޕްރޮފިޓު ރޭޓުގައި ދޫކުރާ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ފައިނޭންސިން ސްކީމެކެވެ. މި ސްކީމު ހިންގަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށެވެ.

ހިޔާވެހި ސްކީމަށް ހުށަހެޅުމުގެ ސުންގަޑި މިދިޔަ މެއި މަހުގެ ނިޔަަލަށް ހަމަވީއިރު 2،256 ފޯމެއް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ. އެއީ 'ރަށްވެހި' ސްކީމަށް 1329 ފޯމާއި، 'ސަހަރު' ސްކީމަށް 586 ފޯމާއި، 'ފަހިމާލެ' ސްކީމަށް 341 ފޯމެވެ.

ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ ހިޔާވެހި ފައިނޭންސިން ސްކީމުގެ އުސޫލުތައް އޮތް ގޮތުން މި ސްކީމަށް އަސާސީ ޝަރުތުތައް ހަމަވާތޯ ކަނޑައަޅަނީ ހައުސިން މިނިސްޓްރީންނެވެ. ނަމަވެސް ފައިނޭންޝަލް އެލިޖިބިލިޓީ ކަނޑައެޅުމުގެ ކަންކަން ދޫކޮށްލާފައި އޮތީ ބޭންކުތަކަށެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ނަން ނުޖަހާ ގޮތަށް އަދަދު އަށް މައުލޫމާތު ދެމުން ބުނީ ހައުސިން މިނިސްޓްރީން އިވެލުއޭޓު ކުރުމަށް ފަހު ޝަރުތު ހަމަވާ ފޯމުތައް ބޭންކުތަކަށް ފޮނުވާފައިވާ ކަމަށެވެ. ބޭންކުތަކުން ވަނީ ބޭންކުން ގެންގުޅޭ މިންގަނޑުތަކުން ވަޒަންކުރުމަށް ފަހު، ލޯނު ދޫކުރެވޭނެ މީހުން އަންގާފަ އެވެ.

މީގެ ތެރެއިން ބަޔަކު ބާކީވީ ސަބަބު ކިޔައިދެމުން މައުލޫމާތު ދިން މީހުން ބުނީ ބާކީވީ ބޭންކުން ގަބޫލުކުރާ ވަރަށް އާމްދަނީ ނުލިބޭ މީހުން ކަމަށެވެ. އަދި ލޯނު ލިބޭނެ ކަމަށް ކަނޑައެޅިގެން ދިޔަ މީހުންނަކީ ބޭންކުން ދޫކުރާ ކޮމާޝަލް ލޯނުތައް ވެސް ނެގޭ ވަރުގެ ފުދުންތެރި މީހުން ކަމަށް އެ މީހުން ބުންޏެވެ.

މިކަމާ ގުޅިގެން، ހައުސިން މިިނިސްޓްރީގެ ބަހެއް ނުލިބުނެވެ. މި ލޯނުތައް ދޫކުރަން ސަރުކާރުން ހަވާލުކޮށްފައިވާ ބީއެމްއެލްއާ ސުވާލު ކުރުމުން އެ ބޭންކުން ޖަވާބު ދިނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.