7 އޮގަސްޓު 2025 - 05:38 0
7 އޮގަސްޓު 2025 - 05:38 0
ލަންޑަން (އޮގަސްޓް 7) - ކުރިއަށް އޮތް ސީޒަނުގެ ޓާގެޓްތައް ކަނޑައަޅާފައިވާ ކަމަށާއި ތަށްޓެއް ހޯދަން ކުރަން ޖެހޭ ކަންކަމަށް އާސެނަލުން އޮތީ ތައްޔާރަަށް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މީގެ ފަސް އަހަރު ކުރިން، އާޓެޓާގެ ފުރަތަމަ ސީޒަނުގައި، އާސެނަލުން 2019/2020 ވަނަ ސީޒަނުގައި އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން، އެ ޓީމަށް އަދި ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިިބިފައިނުވެ އެެވެ. މިދިޔަ ތިން ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި އާސެނަލަށް ކާމިޔާބު ސީޒަނެއްގެ އިންތިޒާރު ވަނީ ދިގުލައިފަ އެވެ.
މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށްލައި، 2019 ވަނަ އަހަރު ފަހުކޮޅު އާސެނަލާ ހަވާލުވި އާޓެޓާ ބުނީ، އެ ޓީމަށް މިދިޔަ ސީޒަންތަކުގައި ތަށްޓެއް ހޯދުމަށް ކުރި މަސައްކަތުގައި ވަރަށް ގާތަށް ޖެހިލެވުނު ކަމަށެވެ.
"އަހަރެމެން ވަރަށް ތައްޔާރުވެގެން، ޓާގެޓްތަކެއް ކަނޑައަޅައިގެން މި ތިބީ، ވާދަކުރެވޭނެ ތަށި ހޯދޭނެ ގޮތަށް މަސައްކަތް ކުރަން ފާރަވެރިވެގެން، ދުވަހުން ދުވަހަށް މަސައްކަތް ކުރުން އޮތީ، އަމާޒަށް ވާސިލްވެވޭނެ، ތަށި ހޯދޭނެ ކަންކަމަށް ތައްޔާރު،" އާޓެޓާ ބުންޏެވެ.
އާސެނަލުން މި ފަހަރުގެ ޓްރާންސްފާގައި، ހަ ކުޅުންތެރިން ގަންނަން 225 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، އާޓެޓާ ދެކޭގޮތުގައި، ޓީމު ވަރުގަދަ ކުރަން ކުރަން ޖެހޭ މަސައްކަތް ދިޔައީ ރަނގަޅަށެވެ.
މި ފަހަރު އާސެނަލުން ގެނައި ކުޅުންތެރިންނަކީ، ޗެލްސީގެ ނޯނީ މަޑުއޭކޭ އާއި ކެޕާ އަރިއްޒަބަލާގާ، ރެއާލް ސޮސިއެޑާޑްގެ މާޓިން ޒުބިމެންޑީ، ވެލެންސިއާގެ ކްރިސްޓިއަން މޮސްކޭރާ، ސްޕޯޓިން ލިޒްބަންގެ ވިކްޓަ ގްޔޯކެރޭޝް އަދި ބްރެންޓްފޯޑްގެ ކްރިސްޓިއަން ނޯގާޑް އެވެ.
ޕްރީ ސީޒަން އެކުވެރިކަމުގެ މެޗެއްގައި ރޭ އާސެނަލް ވަނީ 3-2 އިން އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން ބަލިވެފަ އެވެ.
Comment