Advertisement

ހައްޖު ކޯޕަރޭޝަނުން އަޅާ ހޮޓަލުގެ ހަބަރު ނޫހުން އެނގުމުން ޝަހީމު ނުރުހިއްޖެ

6 އޮގަސްޓު 2025 - 22:47 0

މިނިސްޓަރު ޝަހީމް: ނުރުހުންވީ އޭނާއަށް އެނގުމެއް ނެތި ހައްޖު ކޯޕަރޭޝަނުން ހޮޓާ އަޅަން މަސައްކަތް ކުރާތީ -- ފޮޓޯ: އަދަދު ފައިލް


ހައްޖު ކޯޕަރޭޝަނުން އަޅާ ހޮޓަލުގެ ހަބަރު ނޫހުން އެނގުމުން ޝަހީމު ނުރުހިއްޖެ

6 އޮގަސްޓު 2025 - 22:47 0

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެ ކ. މާފުށީގައި ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން އިއުލާނު ކުރިއިރު ވެސް އޭނާއާ އެކަން ހިއްސާ ނުކުރުމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ނުރުހިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ "މިކަންކަން ވެސް މި ފެންނަނީ ނޫހުން" ކަމަށެވެ. ނަމަވެސް މިރޭ 9:21 ގައި މިނިސްޓަރު ކުރެއްވި އެ ޕޯސްޓު މިހާރު ވަނީ ޑިލީޓުކޮށްލައިފަ އެވެ.

ހައްޖު ކޯޕަރޭޝަނަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގާ ތަނެއް ނޫނެވެ. އެއީ ސަރުކާރުގެ 100 ހިއްސާ އޮންނަ ކުންފުންޏެކެވެ. އެހެންކަމުން، އެ ކޯޕަރޭޝަނުން ކުރާ ކަންކަމުގައި ޝަހީމުގެ ލަފާ ހޯދުން ލާޒިމެއް ނޫނެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްއަކީ އިސްލާމް ދީނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ބޭފުޅެއް ކަމެއް ނޭނގެ އެވެ. އެކަމަކު، އެ ކޯޕަރޭޝަނުގެ ޗެއާމަނަކީ ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް އެވެ.

ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓުއަރިޒަމްގެ ވިޔަފާރި ކުރަން އުޅޭކަން ހާމަ ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޮވެމްބަރު، 2024، ގައި ވާހަކަ ދައްކަވަމުންނެވެ.

"އިންވެސްޓުކުރާ ފަރާތްތަކެއް އަޅުގަނޑުމެންނާ އެޕްރޯޗްވެސް ކޮށްފައި ވަނީ. މާފުށްޓަކީ މިހާރުވެސް ޓޫރިޒަމަށް އެސްޓެބްލިޝްޑް ތަނެއް ވީމާ ވަރަށް ރިސްކު ކުޑަ މި ވިޔަފާރީގައި،" ޝަކީލް ވިދާޅުވި އެވެ.

ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު، 2024، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުން ރަނގަޅު ނޫން ކަމަށެވެ.

"ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،" ޒަމީރު ވިދާޅުވި އެވެ.

މާފުށީގައި ހޮޓަލެއް އެޅުމުގެ އިތުރުން، އޮފީސް އިމާރާތަކާއި ރެޒިޑެންޝަލް އިމާރާތެއް އަޅަންވެގެން ހައްޖު ކޯޕަރޭޝަނުން ވަނީ ހުޅުމާލެއިން ދެ ބިން ގަނެފަ އެވެ. އެ ދެ ބިން ގަތީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެ ދެ ބިން ވެސް ގަނެފައި ވަނީ ހައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާއިންނެވެ.