Advertisement

އަހަރު ނިމެން ފަސް މަސް ކުރިއަށް އޮއްވާ ސަބްސިޑީ ބަޖެޓު ހުސްވަނީ

7 އޮގަސްޓު 2025 - 20:41 1

އަމަން ހަލީމް

އަމަން ހަލީމް

ފުށް ބަސްތާއެއް ބޮލަށް ލައިގެން މަސައްކަތްތެރިއަކު އެސްޓީއޯ ގުދަނުން ނިކުންނަނީ: ސަރުކާރުން ސަބްސިޑީ ދޭ ބާވަތްތަކުގެ ތެރޭގައި ހަނޑުލާއި ހަކުރާއި ފުށް ހިމެނޭ --- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އަހަރު ނިމެން ފަސް މަސް ކުރިއަށް އޮއްވާ ސަބްސިޑީ ބަޖެޓު ހުސްވަނީ

7 އޮގަސްޓު 2025 - 20:41 1

ސަބްސިޑީ ދޭން މި އަހަރަށް ބަޖެޓު ކުރި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ބާކީ އޮތީ 58 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކައިފި އެވެ.

ސަބްސިޑީ ބަޖެޓު ހުސްވާން ގާތްވީ، ސަބްސިޑީ ހަރަދުތައް އިތުރުވުމާ ގުޅިގެނެއް ނޫނެވެ. މި ބަޖެޓު ހުސްވާން ގާތްވީ، މި އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވުމުންނެވެ.

މިހާރު ސަބްސިޑީ ނިޒާމު އޮންނަ ގޮތުން، އަސާސީ ކާޑުގެ ބާވަތްތަކަށާއި ފެނާއި ކަރަންޓާއި ނަރުދަމާއަށް ސަރުކާރުން ދޭ ސަބްސިޑީ ދެނީ ސަރުކާރު ކުންފުނިތަކަށެވެ. ނަމަވެސް މި އަހަރު ސަރުކާރުން ރާވަފައި އޮތީ، އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މި ނިޒާމު ބަދަލުކުރާށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓު ފާސްކުރި ފަހުން އެ ކަމުގެ އިތުރު މައުލޫމާތެއް ނުލިބެ އެވެ. ދެން އިވުނީ އެ ސިޔާސަތު ތަންފީޒު ނުކުރާ ގޮތަށް ސަރުކާރުގެ ޕްލޭންތައް ބަދަލުވެފައިވާ ކަމަށެވެ. މިކަން ސަރުކާރުން ކަށަަވަރު ނުކޮށްދީ އޮއްވާ، ސިޔާސަތު ބަދަލުވީ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިޝާރާތްކުރެއްވީ މެއި 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެެވެ.

އެ ދުވަހު ވެސް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން "ބޭނުންވާ" ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ސަރުކާރުން ބޭނުންވާ ފިޔަވަޅުތަކަކީ ކޮބައި ކަމެއް މިހާތަނަށް ވެސް ސާފެއް ނޫނެވެ. މި މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ނުކުރެ އެވެ.

ސަބްސިޑީއަށް ބަޖެޓު ކުރި ވަރު ހުސްވާން ގާތްވީ ނަމަވެސް، މިދިޔަ އަހަރަށް ވުރެ ސަބްސިޑީއަށް ކުރި ހަރަދު މި އަހަރު ދަށެވެ. ދެ އަހަރުގެ އަދަދު އަޅާބަލައިއިރު، ސަބްސިޑީ ދިނުމަށް ހަރަދު ކުރި ވަރު ވަނީ 692 މިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ.

ސަބްސިޑީ ނިޒާމު ބަދަލުކުރުމަކީ ސަރުކާރުން ފައްކާކުރި ހޯމް ގްރޯން ރިފޯމް އެޖެންޑާގައި ހަރަދު ކުޑަކުރަން އަޅަން ބުނި ފިޔަވަޅެކެވެ. އޭގެ އިތުރުން އާސަންދަ ނިޒާމުގެ ހަރަދު ކުޑަކުރުމާއި ޑަބަލް ޕެންޝަން ލިބޭ ގޮތަށް އޮތް ޕެންޝަން ނިޒާމު ބަދަލުކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމް ކުރުން ހިމެނި އެވެ.

އެކަމަކު އަހަރުން ނިމެން ފަސް މަހަށް ވީއިރު، މި ރިފޯމް އެޖެންޑާގެ ފަސް ޕަސެންޓު ވެސް ތަންފީޒު ނުވެ އެވެ. ޕެންޝަން ނިމާޒު ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން އެއްކޮށްހެން ދޫކޮށްލާފައިވާއިރު، އުވާލަން ނޫނީ އެއްކޮށްލަން ބުނި ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިއަދާ ހަމައަށް އުވާލި ކުންފުންޏެއް ނޫނީ އެއްކޮށްލި ކުންފުނިތަކެއް ނެތެވެ.

ހަމަ އެ ގޮތަށް އާސަންދައިގެ ހަރަދުތައް ކުޑަކުރަން ބުނި ނަމަވެސް، އެކަން ކުރަން އަޅަން ބުނި ފިޔަވަޅުތައް ރޭވި ގޮތަށް ކުރިއަށް ނުދާތީ އާސަންދައިގެ ވެސް ހަރަދެއް ކުޑައެއް ނުވެ އެވެ. ފިނޭންސުގެ އެންމެ ފަހުގެ ފިސްކަލް ރިޕޯޓުން ދައްކަނީ، މިދިޔަ މަހުގެ ނިޔަލަށް އާސަންދައަށް ހަރަދު ކުރި ވަރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 97 މިލިއަން ރުފިޔާ އިތުރެވެ.