6 އޮގަސްޓު 2025 - 15:25 0
އަރުޝަމް އަބްދުالله
6 އޮގަސްޓު 2025 - 15:25 0
ބަގާވާތެއް ރޭވިކަމުގެ ދައުވާގައި ޝަރީއަތް ހިނގަމުންދާ އެ ގައުމުގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯ ގޭބަންދު ކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ބޮލްސޮނާރޯއަށް ކުރިން މަނާކޮށްފައިވަނީ ސޯޝަލް މީޑިއާ ބޭނުންކުރުމާއި، އެހެން ފަރާތްތަކާ މުއާމަލާތްކުރުމާއި، އެއްވުންތަކުގައި ބައިވެރިވުމެވެ. އޭނާގެ ފައިގައި މޮނިޓަރިން ޓެގު އަޅުވައި، ދަތުރުފަތުރު ކުރުން ހުއްޓާލުމަށާއި, ގައުމުން ބޭރަށް ދިއުން މަނާ ކުރުމަށް ވެސް ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ކުރިން ނެރިފައި ވީނަމަވެސް، އޭނާގެ ދަރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އިހުތިޖާޖުތަކަށާއި ބޭރުގެ އެހީއަށް ގޮވާލާ މެސެޖުތައް ފެތުރިކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެ ވެ އެވެ. މީގެ ތެރޭގައި ކޮޕަކަބާނާގައި ބޭއްވުނު ބޮލްސޮނާރޯ އަށް ތާއީދުކުރާ ފަރާތްތަކެއްގެ އެއްވުމެއްގައި ސްޕީކަރފޯނުން އެއްވުމުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދެއްކުން ހިމެނެ އެވެ. އޭނާގެ ދަރި، ސެނެޓަރ ފްލާވިއޯ ބޮލްސޮނާރޯ، ސޯޝަލް މީޑިއާގައި އާންމު ކުރި މި ވީޑިއޯ ފަހުން ވަނީ ޑިލީޓްކޮށްފަ އެވެ.
ބޮލްސަނާރޯ ގޭބަންދަށް ލުމަށް ނެރުނު އަމުރު ނެރެމުން ޖަސްޓިސް ޑި މޮރާސް ވިދާޅުވީ "ދައުވާލިބޭ ފަރާތުން އޭނާގެ ތިން ދަރިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޝާއިއުކުރުމަށް މެޓީރިއަލް އުފެއްދި ކަމަށާއި, މިއީ ފާޅުގައި ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފުވުން " ކަމަށެވެ.
ބޮލްސޮނާރޯގެ ގޭ ބަންދުގެ ޝަރުތުތަކުގެ ތެރޭގައި އޭނާ ދިރިއުޅުއްވާ ގެއިން ބޭރަށް ނިކުތުމަކީ މަނާކަމެކެވެ. އަދި އޭގެ އިތުރުން އެއްވެސް މޯބައިލް ފޯނެއް ބޭނުންކުރުމާއި، ދިފާއީ ވަކީލުން ނުވަތަ ކޯޓުން ހުއްދަދީފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކާއި ބައްދަލުވުން އޭނާ އަށް ވަނީ މަނާކޮށްފަ އެވެ. އަދި އޭނާގެ ފައިގައި މޮނިޓަރިންގ ޓެގް އަޅުވައި މޮނިޓަރ ކުރުމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އަލް ޖަޒީރާގައި އާންމު ކޮށްފައިވާ ގޮތުން, ބޮލްސޮނާރޯގެ މީޑިއާ އޮފިޝަލް ވަނީ ހޯމަ ދުވަހުގެ ރޭ ބްރަސީލިއާގައި ހުރި އޭނާގެ ގޭގައި ފުލުހުން އޭނާ ގޭ ބަންދު ކުރިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި ފުލުހުން އޭނާގެ މޯބައިލް ފޯނު އަތުލާފައިވާކަންވެސް މީޑިއާ އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
ބޮލްސޮނާރޯގެ މައްޗަށް ތުހުމަތުކުރެވެނީ 2022 ވަނަ އަހަރުގެ އިންތިހާބު އޮޅުވާލަން މަސައްކަތްކުރި ތުހުމަތެވެ. މި އިންތިހާބު ކާމިޔާބުކުރީ އޭނާގެ ވާދަވެރި ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއެވެ.
ބޮލްސޮނާރޯގެ ވަކީލުންގެ ބަޔާނެއްގައި ބުނެފައިވަނީ މި އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ. އޭނާގެ ވަކީލުން ބުނާގޮތުގައި ކުރީގެ ބޮލްސޮނާރޯ އެއްވެސް ކޯޓު އަމުރަކާ ހިލާފުވެފައެއް ނުވެއެވެ.
ބޮލްސޮނާރޯ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. އަދި އޭނާ ބުނަނީ އޭނާގެ މައްޗަށް ދައުވާކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ބްރެޒިލްގައި ބަގާވާތެއް ރޭވުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެ ކުށް ކުރާ މީހާ, ގިނަވެގެން 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވިދާނެ އެވެ.
Comment