Advertisement

ހިތުގެ މައްސަލައެއް ދިމާވެ ޕޯޓޯގެ ކުރީގެ ކެޕްޓަން މަރުވެއްޖެ

6 އޮގަސްޓު 2025 - 06:38 0


ހިތުގެ މައްސަލައެއް ދިމާވެ ޕޯޓޯގެ ކުރީގެ ކެޕްޓަން މަރުވެއްޖެ

6 އޮގަސްޓު 2025 - 06:38 0

ލިޒްބަން (އޮގަސްޓް 6) - ޕޯޓޯގެ ޓްރެއިނިން ސެންޓަރުގައި ހުއްޓައި، ކާޑިއަކް އެރެސްޓެއް (ހިތުގެ މައްސަލައެއް) ކުރިމަތިިވި އެ ކްލަބްގެ ކުރީގެ ކެޕްޓަން، ޖޯޖް ކޮސްޓާ މަރުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން، 2004 ވަނަ އަހަރު ޕޯޓޯ އަށް ހޯދައިދޭން އެހީތެރިވި ކެޕްޓަން، ކޮސްޓާ މަރުވިއިރު އުމުރަކީ 53 އަހަރެވެ. އޭނާ، 2006 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު، މެނޭޖްމަންޓް ތެރެއަށް އައިސް، ޕޯޓޯގެ ޑިރެކްޓާ އޮފް ޕްރޮފެޝަނަލް ފުޓްބޯލްގެ މަގާމާ ހަވާލުވީ މިދިޔަ ސީޒަނުގަ އެވެ.

ޕޯޗުގަލް ގައުމީ ޓީމަށް 50 މެޗު ކުޅެދީފައިވާ ކޮސްޓާ، އަކީ ޕޯޓޯގެ އެކަޑަމީން އައި ކުޅުންތެރިއެކެވެ. އިނގިރޭސި ކްލަބް، ޗާލްޓަން އެތުލެޓިކަށް ލޯނަކަށް ކުޅުނު ކޮސްޓާގެ ކެރިއަރުގެ ބޮޑުބައި ޕޯޓޯގައި ހޭދަކުރިއިރު އެ ޓީމަށް 324 މެޗު ކުޅެދިނެވެ.


ޕޯޓޯ އަށް ޔުއެފާ ކަޕާއި ޗެމްޕިއަންސް ލީގު ހޯދައިދިނުމުގެ އިތުރުން، ޕޯޗުގީސް ލީގު އަށް ފަހަރު ހޯދައިދިން ކޮސްޓާ އެ ޓީމާ އެކު، ޖުމްލަ 24 ތަށި ހޯދި އެވެ. މީގެ 25 އަހަރު ކުރިން، ޕޯޗުގީސް ލީގުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ގޯލްޑަން ބޯލް ހާސިލްކުރި ކޮސްޓާގެ ނަން، ގިނަ ކުޅުންތެރިން ހަނދާން ކުރަނީ ލެޖެންޑަރީ ކެޕްޓަނެއްގެ ގޮތުގަ އެވެ.

ބްރާގާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި 2006 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކޮސްޓާ ޖެހިގެން އައި އަހަރު އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި އެވެ. އޭގެ ފަހުން 10 އަކަށް ވުރެ ގިނަ ޓީމުގައި މަސައްކަތްކުރި ކޮސްޓާ ކޯޗުކޮށްދިން ޓީމުތަކުގެ ތެރޭގައި، ގެބޮން ގައުމީ ޓީމާއި އިންޑިއަން ސުޕަ ލީގުގެ މުމްބާއި ސިޓީ ހިމެނެ އެވެ.