Advertisement

އަހަރު ދެބައިވީއިރު ތަރައްގީގެ ބަޖެޓު ޕާކުކޮށްފައި

3 އޮގަސްޓު 2025 - 14:51 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: ޕީއެސްއައިޕީން އެންމެ ބޮޑު ހަަރަދެއް ކުރީ އެއާޕޯޓުތަކަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އަހަރު ދެބައިވީއިރު ތަރައްގީގެ ބަޖެޓު ޕާކުކޮށްފައި

3 އޮގަސްޓު 2025 - 14:51 0

މި އަހަރު ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަަދަދެއް ބަޖެޓު ކުރި ނަމަވެސް، އަހަރު ދެބައިވެގެން ދިޔަ އިރު މި ބަޖެޓުގެ 17 ޕަސެންޓު ވެސް ބޭނުން ނުކުރާ ކަމަަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ 26 ވަނަ ހަފުތާގެ ނިޔަލަށް ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއުތަކަށް ހަރަދު ކުރީ 2.1 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަަށް ވުރެ ތިން ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ދަށުން އެންމެ ބޮޑު ހަރަދެއް ކުރީ ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއުތަކަށެވެ. މި ދާއިރާގައި ހިމެނެނި އެއާޕޯޓާއި ބަނދަރާއި ބްރިޖުތަކެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގީ ބިން ހިއްކުމަށާއި މަގު ހެދުމަށެވެ.

މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ސަރުކާރުން ސިފަކުރި ނަމަވެސް، އެ ދާއިރާއިން އަހަރުގެ މިހާތަނަށް ހަރަދުކުރީ 108 މިލިއަން ރުފިޔާ އެވެ.

ތަރައްގީގެ ބަޖެޓު ޕާކުކޮށްގެން ސަރުކާރުން ބަޖެޓު ހިންގަމުން އަންނައިރު، މިއާއެކީ ބަޖެޓު އަންނަނީ ސާޕްލަސް ވަމުންނެވެ. އެ ގޮތުން ޕްރައިމަރީ ސާޕްލަސް 3.4 ބިލިއަން ރުފިޔާގައި ހުރިއިރު، އޮވަރޯލް ސާޕްލަސް ހުރީ ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.

ކެޕިޓަލް ހަރަަދުތައް ސަރުކާރުން މަޑުޖައްސާލާފައި ވަނީ، ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި އަހަރުގެ ދައްކަން ޖެހޭ ދަރަންޏާއި އެހެނިހެން ހަރަދުތައް ކުރުމަށް ފަސޭހައަކަށެވެ. ނަމަވެސް ބަޖެޓު ކުރި ގޮތަށް އެ ފައިސާ ހަރަދު ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.