30 ޖުލައި 2025 - 14:36 0
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ހާލު ބަލަން ބޭނުންނުވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް
30 ޖުލައި 2025 - 14:36 0
އިގްތިސާދު ވަރަށް ބޮޑަށް ދަށްވެ، ތަކެތީގެ އަގު އުފުލޭއިރު ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބަހެއް ނުބުނާތީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް ވިދާޅުވީ މެނޭޖް ކުރާ ގޮތް ގޯސްވެގެން ރާއްޖޭގެ އިގްތިސާދު "ފުނޑިއްޖެ" ކަމަށެވެ.
"އާފަލެއްގެ އަގު 10ރ., ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މަތީގައި، ކާބޯތަކެއްޗަށް ދަތިވެއްޖެ، ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް އުފުލިއްޖެ، ޑޮލަރުގެ އަގު ހުރީ 20.20ރ. އިން މަތީގައި. ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައިފި. ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ،" ފައްޔާޒް ވިދާޅުވެފައިވެ އެވެ.
މި ހާލަތަށް އިގްތިސާދު ދިޔުމުން އެއީ އެމްއެމްއޭ އިން އެކަމާ ކަންބޮޑުވެ، މަސައްކަތްތަކެއް ކޮށް، ބަސް ބުނަންޖެހޭ ހާލަތެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މި ހާލަތަށް ދިޔައިރު ވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތް. މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްއިން ލިޔުމުން ބައްދަލުކުރަން އެދުމުން ބައްދަލުވާނެ ގޮތެއް ނުވި. ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ފިއްލެވީ. އެމްއެމްއޭއިން ޖަވާބު ނުދޭތާނގާ ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަދިވެސް ތަކެތީގެ އަގު ދާނީ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ ހާލަތު ދަންނަ އަދި ބަލަން ވެސް ބޭނުންވާ ސަރުކާރެއް ނޫން ކަމަށެވެ.
"މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި ބަލަން ބޭނުން ސަރުކާރެއް ނޫން. އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން، ރުފިޔާގެ އަގު ދަށަށް ދިޔައީ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް،" ފައްޔާޒް ވިދާޅުވި އެވެ.
މިދިޔަ އަހަރެއްހާ ދުވަހު ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކާބޯތަކެތީގެ އަގު ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި 4.18 ޕަސެންޓު އުފުލިފަ އެވެ. ވެއެތުވެދިޔަ އަހަރު ދުވަސް ތެރޭގައި މަހުގެ އަގު ވެސް ވަނީ 6.45 ޕަސެންޓު އުފުލިފަ އެވެ.
Comment