Advertisement

މެލޭޝިއާ މުބާރާތުގައި ރިވައިވަލްގެ ކާމިޔާބަކީ ރާއްޖޭގެ ބެޑްމިންޓަނަށް އުންމީދެއް

28 ޖުލައި 2025 - 08:54 2


މެލޭޝިއާ މުބާރާތުގައި ރިވައިވަލްގެ ކާމިޔާބަކީ ރާއްޖޭގެ ބެޑްމިންޓަނަށް އުންމީދެއް

28 ޖުލައި 2025 - 08:54 2

މެލޭޝިއާގެ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި، ރިވައިވަލް ސްޕޯޓްސް ކްލަބާއި ގައުމީ ބެޑްމިންޓަން ސްކޮޑުގެ ކުޅުންތެރިން ގުޅިގެން ހޯދި ކާމިޔާބަކީ ރާއްޖޭގެ ބެޑްމިންޓަނުގައި މި ވަގުތު އޮތް ހާލަތުގައި ވެސް ލިބިގެންދިޔަ އުންމީދެއް ކަމަށް ރިވައިވަލް އިން ބުނެފި އެވެ.

މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށްދިޔަ، އެމްބީއޭ މުބާރާތުގައި ވާދަކުރީ ރިވައިވަލްގެ ކޮންޓްރެކްޓްގައި ހުރި، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ހަސަން ޒަޔާން މުހައްމަދު އަދި ގައުމީ ސްކޮޑުގައި ހިމެނޭ އަދި ރިވައިވަލްއާ އެކު، ގިނަ މުބާރާތްތަކެއް ކުޅޭ، އައިމިނަތު ނަބީހާ އާއި ފާތުމަތު ނަބާހާ އެވެ. މި ކުޅުންތެރިން ހިމެނޭ ގޮތަށް ވަނީ ޖުމްލަ އެކު، ހަތް މެޑަލް ހޯދައިފަ އެވެ. އެއީ، ތިން ރަން މެޑަލާއި ތިން ލޯ މެޑަލް އަދި އެއް ރިހި މެޑަލް އެވެ.

ރަން މެޑަލް ލިބުނީ، އަންހެން ޑަބަލްސް އިން އައިމިނަތު ނަބީހާ (ނަބީ)، ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އަށާއި ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އަށް އަދި މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ އަށެވެ. ރިހި މެޑަލް ލިބުނީ އަންހެން ސިންގަލްސް އިން ނަބާ އަށެވެ. އަދި ލޯ މެޑަލް ހާސިލްކުރީ، މިކްސް ޑަބަލްސް އިން ނަބީ އާއި ނިބާލްގެ ޕެއާ އާއި ފިރިހެން ސިންގަލްސް އިން ނިބާލް އަދި އަންހެން ސިންގަލްސް އިން ނަބީ އެވެ.

ޓީމާ އެކު މުބާރާތުގައި މަސައްކަތް ކުރި ކޯޗު، ނަޝްފާން މުހައްމަދު ބުނީ، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން މި ވަގުތު ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފްގެ ސަސްޕެންޝަންގައި އޮތް ހާލަތެއްގައި، ލިބުނު ފުރުސަތެއްގައި މެލޭޝިއާ މުބާރާތުގައި ރިވައިވަލް އިން މި ހޯދީ ރަނގަޅު ކާމިޔާބީތަކެއް ކަމަށެވެ.

ބީޑަބްލިއުއެފް އިން މިދިޔަ މެއި މަހު 16 ވަނަ ދުވަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމައި، ރާއްޖެ ސަސްޕެންޑްކުރިކަން އަންގައި، އިއުލާނުކުރީ އެ މަހު 20 ވަނަ ދުވަހު އެވެ.

ބީއޭއެމް ސަސްޕެންޑްކުރިކަން އަންގައި، ބީޑަބްލިއުއެފް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ސަސްޕެންޝަނުގައި މި އޮތް މުއްދަތުގައި، ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފް އިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ކުޅުންތެރިން މި ވަގުތު ކުޅެނީ، ބީޑަބްލިއުއެފް ލެވަލް ނޫން މުބާރާތްތަކުގަ އެވެ.

މެލޭޝިއާގެ ސްޓޭޓް ލެވަލް މުބާރާތެއް ކަމަށްވާ އެމްބީއޭ ޗެމްޕިއަންޝިޕްގައި ނަބާ އާއި ނަބީގެ އިތުރުން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވެސް ވާދަކުރެެވެ އެވެ. މުބާރާތުގެ ފޯމެޓް އޮތްގޮތުން ކުޅެނީ، 31 ޕޮއިންޓުން ނިމޭ ގޮތަށް އެއް ސެޓަށެެވެ.

"ދިހަ ގައުމުގެ މޮޅެތި ކުޅުންތެރިން ބައިވެރިވި މުބާރާތެއްގައި، ވަރަށް ރަނގަޅު ފޯމެއްގައި ވާދަކޮށް ތިން ގޯލްޑް (ރަން މެޑަލް) ލިބުނީމަ ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިންނާ ދޭތެރޭ،" ނަޝްފާން ބުންޏެވެ.

"ކްލަބްގެ އަބަދުވެސް ޓާގެޓަކީ ބީޑަބްލިއުއެފް ލެވަލްގެ މުބާރާތްތަކުގައި ބައިވެރިވުން. އެކަމު މިހާރު ސަސްޕެންޝަންގައި އޮތީމަ. ބީޑަބްލިއުއެފް މުބާރާތްތަކުގައި ބައިވެރިނުވެވޭތީ، އިންޓަނޭޝަނަލް ފެންވަރު ރަނގަޅު މުބާރާތް ބަލައިފައި މި ބައިވެރިވީ، ކުޅުންތެރިން ތިބީ ވަރަށް ހިތްހަަމަޖެހިފައި، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ވެސް އެނގިއްޖެ،"

ނަޝްފާން ބުނީ އުންމީދަކީ ވީ އެންމެ އަވަހަށް ބީޑަބްލިއުއެފް ލެވަލްގެ މުބާރާތްތަކުގައި ބައިވެރިވެވޭ ގޮތްވުން ކަމަށެވެ.