28 ޖުލައި 2025 - 08:11 0
28 ޖުލައި 2025 - 08:11 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖުލައި 28) - ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ޕޯޗުގީސް ފޯވާޑް، ޖޮއާއޯ ފެލިކްސް، ގަންނަން އޭނާގެ ކުރީގެ ކްލަބް ބެންފީކާ އިން މަސައްކަތް ކުރަމުން ދަނިކޮށް، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން އެ ޑީލް ހައިޖެކްކޮށްފި އެވެ.
އެތުލެޓިކޯ އިން ބެންފީކާ އަށް 134 މިލިއަން ޑޮލަރު ދޭ ގޮތަށް 2019 ވަނަ އަހަރު ގަތް ކުޅުންތެރިއެކެވެ. އެކަމަކު، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ޕްލޭނުގެ ތެރެއިން ފެލިކްސް އަށް ކުރިއަށްދެވޭނެ މަގެއް ފެންނަ ގޮތެއް ނުވެ، އެ ޓީމު ދާއިމީ ކޮންޓްރެކްޓެއްގައި ދޫކޮށްލީ މިދިޔަ ސީޒަނުގައި ޗެލްސީ އަށެވެ.
ޗެލްސީން ފުރަތަމަ ލޯނަކަށް ގެނައި ފެލިކްސް، މިދިޔަ އަހަރު ގަތީ 40 މިލިއަން ޑޮލަރަށެވެ.
މިދިޔަ ސީޒަނުގެ ފަހު ހަ މަސް އޭސީ މިލާނަށް ލޯނަކަށް ކުޅުނު ފެލިކްސް، އެންމެ ފުރަަތަމަ ކުރީގެ ކްލަބް ބެންފީކާ އަށް ދާން ވާހަަކަ ދެއްކީ 30 މިލިއަން ޑޮލަރަށެވެ. އެކަމަކު، އަލް ނަސްރުން ވަނީ، އެ ޑީލް ތެރެއަށް ވަދެ، ފެލިކްސް ގަންނަން 38 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފަ އެވެ. އެއާ އެކު، ފެލިކްސް، އަލް ނަސްރަށް ސޮއިކުރުމަށް މިހާރު އަންނަނީ މެޑިކަލް އަށް ތައްޔާރުވަމުންނެވެ.
މީގެ ކުރިން ފެލިކްސް ވަނީ އެތުލެޓިކޯ އަށް ކުޅެމުން، ލޯން އުސޫލުން ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ.
Comment