Advertisement

ކާބޯތަކެތީގެ އަގު އުފުލުނަސް، ކަރަންޓު ޑިސްކައުންޓާއެކީ މިދިޔަ މަހު ވެސް އިންފްލޭޝަން ދަށަށް

26 ޖުލައި 2025 - 14:19 1

އަމަން ހަލީމް

އަމަން ހަލީމް

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާތަކެއް: މިދިޔަ މަހު އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި މޭވާގެ ބާވަތްތައް ހިމެނޭ-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކާބޯތަކެތީގެ އަގު އުފުލުނަސް، ކަރަންޓު ޑިސްކައުންޓާއެކީ މިދިޔަ މަހު ވެސް އިންފްލޭޝަން ދަށަށް

26 ޖުލައި 2025 - 14:19 1

ސަރުކާރުން ކަރަންޓު ބިލުތަކަށް ޑިސްކައުންޓުދީ، ޓެރިފް ރޭޓުތައް ކުޑަކުރުމާއެކީ ކަރަންޓުގެ އަގަށް އައި ހެޔޮ ބަދަލާއެކީ، މިދިޔަ މަހު މުދަލާއި ތަކެތީގެ އަގު އުފުލުން (އިންފްލޭޝަން) ދަށް ވެއްޖެ އެވެ.

ގައުމީ ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައިވާ ގޮތުގައި މަހުންމަހަށް އިންފްލޭޝަން ވަނީ 0.4 ޕަސެންޓު ދަށްވެފަ އެވެ. މި ދަށް ވުމާ އެކީ މިދިޔަ އޭޕްރިލް މަހު 5.6 ޕަސެންޓުގައި ހުރި އިންފްލޭޝަން ވަނީ 3.7 ޕަސެންޓަށް ވެއްޓިފަ އެވެ.

މިދިޔަ މަހު އިންފްލޭޝަން ދަށަށް ދާން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި، އެޕްލަޔަންސްތަކާއި އެއާލައިން ޓިކެޓުތަކާއި އަޑާއި މަންޒަރު ރެކޯޑުކުރާ އާލާތްތަކުގެ އަގު ހެޔޮ ވުން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ގިނަ ދާއިރާތަކުން އަގުތައް ދަށްވީ ނަމަވެސް، ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފަ އެވެ. އެންމެ އަގު ބޮޑުވީ ލުނބޯ، ބިސް، ކެރެޓުގެ އިތުރުން ޓޮމާޓޯ އާއި ފަރު މަހާއި ދަޅު މަހާއި އާފަލު ކަހަލަ ތަކެތީންނެވެ. ނަމަވެސް، އެހެން މަސްމަހުގައި އަގު އުފުލޭ ބާވަތެއް ކަމުގައިވާ ކަނޑު މަހުގެ އަގު ވަނީ ހަތް ޕަސެންޓަށް ވުރެ ބޮޑަށް ދަށް ވެފަ އެވެ.

އިންފްލޭޝަން ރޭޓުތައް 2025

  • ޖެނުއަރީ - 5.3 ޕަސެންޓު
  • ފެބްރުއަރީ - 5.1 ޕަސެންޓު
  • މާޗު - 5.3 ޕަސެންޓު
  • އޭޕްރިލް - 5.6 ޕަސެންޓު
  • މެއި - 4.6 ޕަސެންޓު
  • ޖޫން - 3.7 ޕަސެންޓު

މި އަހަރަށް ފާސްކުރި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރީ އިންފްލޭޝަން ހުންނާނީ 3.9 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް މިއީ ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކޮށްފި ހާލަތެއްގައި އިންފްލޭޝަން ހުންނާނެ ކަމަށް އަންދާޒާ ކުރި ވަރެވެ.

މި އެޖެންޑާގައި ހިމެނޭ ބައެއް ކަންކަން ތަންފީޒުނުކުރަން ސަރުކާރުން ނިންމާފައި ވާތީ، ފިނޭންސުން އަންދާޒާ ކުރި އަދަދަށް ބަދަލު އަންނާނެ އެވެ.

އިންފްލޭޝަން މައިތިރިވާން ފަށާފައި މި ވަނީ ހުސްވި އަހަރުގެ ފަހުކޮޅުން ފެށިގެން ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެމުން ދިޔުމަށް ފަހުގަ އެވެ. އިންފްލޭޝަން މަތިވީ މައިގަނޑު ސަބަބަކީ ކާނާގެ އަގުތައް އުފުލުމެެވެ. ނަމަވެސް މިދިޔަ މަހާއި އޭގެ ކުރީ މަހު އަގުތައް ތިރިވުމާ އެކީ އަންދާޒާތަކާ އެއް ހަމައަށް އިންފްލޭޝަން މި ވަނީ ވެއްޓިފަ އެވެ.