26 ޖުލައި 2025 - 08:16 0
26 ޖުލައި 2025 - 08:16 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖުލައި 26) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ހިލާލްއާ ހަވާލުވެ ހުރި އިޓަލީގެ ކޯޗު، ސިމޯން އިންޒާގީ އެދިގެން އެ ކްލަބުން ލިވަޕޫލަށް ކުޅޭ އުރުގުއޭ ފޯވާޑް، ޑާވިން ނޫނޭޒަށް ބިޑް ކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން، ބެންފީކާ އިން ނޫނޭޒް، 25، 105 މިލިއަން ޑޮލަރުގެ ބޮޑު އަގަކަށް ލިވަޕޫލަށް ބަދަލުވެ، އެ ޓީމުގެ ޓާގެޓްތަކާ އެއްވަރުގެ ކުޅުމެއް ނުދެއްކޭތީ، މިދިޔަ ދެ ޓްރާންސްފާ މާކެޓްގައި ވެސް ލިވަޕޫލުން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވުނެވެ.
މިދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، ނޫނޭޒަށް ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރުން ވަނީ އޮފާ ލިބިފަ އެވެ. އެކަމަކު، ލިވަޕޫލުން އެއްބަސްނުވާތީ، އެ ޑީލް ކުރިއަށް ނުދިޔަ އެވެ. ފާއިތުވި ސީޒަނުގައި ލިވަޕޫލްގެ 46 މެޗުގައި ކުޅުނު ނޫނޭޒް ޖެހީ ހަތް ގޯލެވެ. އަދި، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓް މިހާތަނަށް، ނޫނޭޒްގެ ސޮއި ހޯދަން ނަޕޯލީ އާއި އެތުލެޓިކޯ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ނަޕޯލީން ވަނީ 60 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެކަމަކު، ލިވަޕޫލުން ކިޔާ އަގު އުޅެނީ، 70 މިލިއަން ޑޮލަރަށް ކަމަށްވާއިރު، މި ޑީލް ކުރިއަށް ދިއުމުގައި ނަޕޯލީން ފުރަތަމަ ދޭ ޕޭމަންޓް، 50 މިލިއަން ޑޮލަރަށް ވުރެ އިތުރުވާން ލިވަޕޫލުން ޑިމާންޑްކުރެ އެެވެ.
މިދިޔަ މަހު އަލް ހިލާލާ ހަވާލުވެ، އިންޒާގީގެ ކޯޗުކަމުގައި، އެ ޓީމުން ކްލަބް ވޯލްޑް ކަޕްގައި މެންޗެސްޓާ ސިޓީ ކަޓުވާލިއިރު، ހިލާލްގެ މެނޭޖްމަންޓުން އިންޒާގީ އެދޭ ގޮތަށް ކުރިއަށް އޮތްތަނުގައި ޓީމު ބައްޓަން ކުރަން ވަނީ އެއްބަސްވެފަ އެވެ.
އެ ގޮތުން، އަލް ހިލާލުން އެންމެ ފުރަތަމަ ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް އަލެކްސަންޑަ އިސާކް ގެންނަން ބެލިއިރު، އޭނާ ސައުދީ ލީގަށް އައުމުގެ ވިސްނުމެއް ނުގެންގުޅޭތީ، ހިލާލުން އަމާޒުހިފާފައިވަނީ، ނޫނޭޒަށް ބިޑްކުރުމަށެވެ. އަދި، އެ ކްލަބުން ނޫނޭޒަށް 85 މިލިއަން ޑޮލަރު ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.
ލިވަޕޫލުން 95 މިލިއަން ޑޮލަރަށް، އައިންޓްރަކްޓް ފްރޭންކްފާޓުގެ ފްރާންސް ފޯވާޑް، ހޫގޯ އެކިޓީކޭ ގަނެފައިވާއިރު، އިސާކްގެ ސޮއި ހޯދަން ވެސް މަސައްކަތް ކުރާތީ، އެ ކްލަބުން ނޫނޭޒް ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ލިވަޕޫލުން ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް ވިއްކާލުމާ މެދު ވެސް ގޮތެއް ކަނޑައަޅަން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
Comment