Advertisement

ޔުނައިޓެޑްގެ ހާލަތު ބަދަލުވި ކަމަށް އަމޮރިމަށް ބުނެވެން ނެތް

26 ޖުލައި 2025 - 08:15 0


ޔުނައިޓެޑްގެ ހާލަތު ބަދަލުވި ކަމަށް އަމޮރިމަށް ބުނެވެން ނެތް

26 ޖުލައި 2025 - 08:15 0

މެންޗެސްޓާ (ޖުލައި 25) - މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު މިދިޔަ ސީޒަން ނިމުނުއިރަށް ވުރެން މާ ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ބުނެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގީސް، ރުބެން އަމޮރިމް ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހު، ސްޕޯޓިން ލިޒްބަން ދޫކޮށް، ޔުނައިޓެޑާ ހަވާލުވި އަމޮރިމްއާ އެކު އެ ޓީމުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ 15 ވަނައިގަ އެވެ. މިއީ، އެ ކްލަބްގެ ތާރީހުގައި ލީގުގައި އެންމެ ދަށް ސީޒަނެވެ. އަނެއްކޮޅުން، ޔުނައިޓެޑުން ތަށްޓެއް ހޯދައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ފުރުސަތު އޮތް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ.

ޔުނައިޓެޑުން އަމޮރިމްއާ އެކު ކުރިއަށްދާން ނިންމައި، ކުރިއަށް އޮތް ސީޒަނަށް އެ ޓީމުން ޕްރެކްޓިސް ފަށާފައިވާއިރު، ވުލްވްސްގެ މަޓެއުސް ކޫންޏާ އާއި ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ އެ ޓީމާ ވަނީ ގުޅިފަ އެވެ. އިތުރު ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް ޔުނައިޓެޑުން ކުރަމުން އަންނައިރު، މި ވަގުތު އޮތް ސްކޮޑާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.

"އަހަރެމެން ވަރަށް ސަމާލުވެގެން ކުޅުންތެރިން ގަންނަން މި ޖެހެނީ. މި ސްކޮޑު ލައިގެން ސީޒަން ފަށަން ޖެހުނަސް އަހަރެން ހިތްހަމަޖެހޭ. އެކަމަކު އެނގޭ ކަމެއް އަދިވެސް އަހަރެެމެން ހާލުގައި އުޅެންޖެހޭނެ. އެކަމަކު، ހާލަތު ބަދަލުކުރަން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން އެއް ރޫހެއްގައި މަސައްކަތްކޮށްފިއްޔާ ކަންކަން ބަދަލުކުރެވޭނެ. ޕޮޒިޓިވްކޮށް ތިބުން މުހިންމީ،" އަމޮރިމް ބުންޏެވެ.

ޔުނައިޓެޑުން އަންނަނީ މިޑްފީލްޑަރަކާއި ޑިފެންޑަރެއް އަދި ގޯލްކީޕަރެއް ހޯދަން މަސައްކަތް ކުރަމުންނެވެ.

އަމޮރިމް އަކީ 2013 ވަނަ އަަހަރު އަލެކްސް ފާގަސަން ރިޓަޔާކުރި ފަހުން، ޔުނައިޓެޑާ ހަވާލުވި 10 ވަނަ ކޯޗެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަސް ފުލް ޓައިމް ކޯޗުންނާއި ހަތަރު ކެއާޓޭކާ/އިންޓަރިމް ކޯޗުންނެވެ. ޔުނައިޓެޑާ އެކު، އަމޮރިމް ސޮއިކުރި ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.