Advertisement

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން ޗައިނާގެ ކޭމްޕެއްގައި

24 ޖުލައި 2025 - 08:07 0


ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން ޗައިނާގެ ކޭމްޕެއްގައި

24 ޖުލައި 2025 - 08:07 0

ރާއްޖޭގައި އަަރަމުން އަންނަ 10 ޖޫނިއާ ޓީޓީ ކުޅުންތެރިއަކު ޗައިނާގައި ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދަމުން އަންނައިރު، މިއީ މުސްތަގުބަލަށް ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނެފި އެވެ.

އެ ގޮތުން، މި މަހު 22 ވަނަ ދުވަހުން ފެށިގެން ޗައިނާގެ ކުންމިންގައި ކުރިއަށްދާ މި ޓްރެއިނިން ކޭމްޕްގައި، ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ޓޭބަލް ޓެނިހުން ކެރިއަރެއް ބިނާކުރުމުގައި މުހިންމު ކަންތައްތަކެއް އުނގަންނައިދިނުމުގެ އިތުރުން ޓްރެއިނިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ ޓޭބަލް ޓެނިހުގައި ވެސް ފާހަގަކޮށްލެވޭ ގައުމެއް ކަމަށްވާ ޗައިނާ އިން ދިން މި ފުރުސަތަކީ، މި ކުޅިވަރުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި ގާތްގުޅުމުގެ ސަބަބުން ފަހިވި ކަމެއްގެ ގޮތުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި، މި ކޭމްޕްގެ ސަބަބުން ރާއްޖޭގެ ޓޭބަލް ޓެނިހަށް ފައިދާތަކެއް ކުރާނެ ކަމަށާއި މީގެ ކުރިން ވެސް މި ފަދަ ފުރުސަތުތަކުގައި ދަސްވި ކަންކަމުގެ ފައިދާ އެތުލީޓުންގެ ފަރާތުން ފެނިގެންދިޔަ ކަމަށެވެ.

އަދި، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ސްޕޯޓްސް އެޑްމިނިސްޓްރޭޝަންގެ އެހީއާ ނުލައި، މި ފުރުސަތު ނުލިބޭނެ ކަމަށް ވެސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މި ޓްރެއިނިން ކޭމްޕްގައި ބައިވެރިވި ކުދިންގެ ތެރޭގައި ހިމެނެނީ، އައްޔޫބް އިޒްކާން ސަލީމް، އަޙިއަލް އަލީ ނަޒީރު، އަލްޔަސް މުހައްމަދު ޔާމީން، ހަސަން ހައިދު ރަޝީދު، ނުވައިމް ސިބާހު ލަތީފް، އިބްރާހިމް އަޝަލް އާސިފް، އައިމިނަތު ޝައިމާ މުހައްމަދު، އައިރާ އަބްދުﷲ ރާފިއު، އައިޝާ ޒޭބާ ހަސަން އަދި ލީމް ބިންތި ފައިސަލް އާދަމް އެވެ.

ކޭމްޕްގައި، މެނޭޖަރުންގެ ގޮތުގައި ދެ އަމްޕަޔަރުން ކަމަށްވާ، އައިޝަތު އަލީފާ އާއި މުހައްމަދު ޔާމީން ބައިވެރިވާއިރު، ކުދިންނާ އެކު ތިން ބެލެނިވެރިން ވެސް ވަނީ ދަތުރުކޮށްފަ އެވެ.