Advertisement

ސައުދީ ލީގުގެ ފުރުސަތު ދޫކޮށް މުލާގެ އާ މަންޒިލަކީ އެމެރިކާ ލީގު

23 ޖުލައި 2025 - 07:33 0


ސައުދީ ލީގުގެ ފުރުސަތު ދޫކޮށް މުލާގެ އާ މަންޒިލަކީ އެމެރިކާ ލީގު

23 ޖުލައި 2025 - 07:33 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 23) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކުން ލިބިފައިވާ ހުށަހެޅުންތައް ދޫކޮށްލައި، އެމެރިކާގެ ލީގު މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބަކާ ގުޅުމަށް ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް، ތޯމަސް މުލާ ނިންމައިފި އެވެ.

ބަޔާން މިއުނިކްގައި ޔޫތު ކެރިއަރުން ފެށިގެން ސީނިއާ ލެވަލްގައި ޖުމްލަ އެކު، 25 އަހަރު ހޭދަކޮށްފައިވާ، 36 އަހަރުގެ މުލާ، މި ފަހަރުގެ ކްލަބް ވޯލްޑް ކަޕަށް ފަހު އެ ޓީމު ދޫކޮށްލައިފަ އެވެ.

މުލާ އަށް ސައުދީ ޕްރޯ ލީގުގެ ދެ ކްލަބަކުން ރަނގަޅު މުސާރައަކާ އެކު އޮފާއެއް ލިބިފައިވެ އެވެ. އެ ޑީލްތަކާ އެކު، މާ ބޮޑު މަޝްވަރާތަކެއް ކުރުމެއް ނެތި މުލާ ވަނީ، އެމެރިކާ ލީގުގެ ޓީމުތަކާ އެކު ވާހަކަ ދައްކަން ފަށައިފަ އެވެ. އެ ގޮތުން، އެމެރިކާ ލީގުގެ ސެން ޑިއޭގޯ، ސިންސިނާޓީ އެފްސީއާ އެކު ވެސް ވާހަކަ ދެއްކުމަށް ފަހު، މުލާ އަށް ކަމުގޮސްފައިވަނީ، ލޮސް އެންޖެލްސް އެފްސީގެ ހުށަހެޅުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ވަގުތު ޗުއްޓީއެއްގައި ހުރި މުލާ ވަރަށް އަވަހަށް ޓީމަކާ އެކު ސޮއިކުރާނެ ކަމަށް ސްކައި ސްޕޯޓްސް ޖާމަނީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބަޔާނަށް 750 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ މުލާ ވަނީ އެ ޓީމާ އެކު، ޖަރުމަނު ލީގު ޗެމްޕިއަންކަން 13 ފަހަރު ހޯދައި، ޗެމްޕިއަންސް ލީގުގެ ތަށި ދެ ފަހަރެއްގެ މަތިން އުފުލާލައިފަ އެެވެ. އަދި، ޖަރުމަނު ގައުމީ ޓީމާ އެކު، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި މުލާ ވަނީ ބަޔާނަށް 250 ލަނޑު ޖަހައިދީ، 276 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.