ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ސްޓަޑީ ކޭމްޕްގައި ބައިވެރިވި ދަރިވަރުން.
އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ހާއްސަކޮށްގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ސްޓަޑީ ކޭމްޕެއް މިއަދު ފަށައިފި އެވެ.
މި ޕްރޮގްރާމްގައި ސައިކޮލަޖީ ކިޔަވައި ދެނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީގެ ޑރ. ޗޮންގް އެވެ. ހިސާބު ކިޔަވައި ދެނީ އެޑްއެކްސެލް އެގްޒެމިނަރެއް ކަމަށްވާ ސްރީ ލަންކާގެ މެލްކޮމް ފެނާންޑޯ އެވެ. މި ދެ މާއްދާގެ ކޭމްޕް ކުރިއަށް ދާނީ މިމަހުގެ 24ގެ ނިޔަލަށެވެ.
ސައިންސްގެ މާއްދާތަކުގެ ކޭމްޕު އަންނަ މަހުގެ ކުރީކޮޅު ކުރިއަށް ގެންދަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ނިންމައިފަ އެވެ.
މި ކޭމްޕުތަކުގެ ބޭނުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މަތިކޮށް، ނަތީޖާ ރަނގަޅު ކުރުން ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް މި އަހަރު ގްރޭޑް 11 އަށް ވަންނަ ބޭނުންވާ ދަރިވަރުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
މިހާތަނަށް 200 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބި، ބައެއް މާއްދާތަކުގެ ޖާގަ ވަރަށް މަދުވެފައިވާ ކަމަށް ވެސް އެ ސްކޫލްއިން ބުންޏެވެ.
އޯލެވެލް ނަތީޖާ ލިބެން މަހެއްހާ ދުވަސް ބާކީ އޮއްވައި ޕްރީ އެޑްމިޝަންނަށް ހުށަހެޅި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވަރިންނާއެކު މިހާރު ކައުންސެލަރުން ދަނީ ބައްދަލުކުރަމުންނެވެ.
Comment