21 ޖުލައި 2025 - 13:28 0
21 ޖުލައި 2025 - 13:28 0
މޮނާކޯ (ޖުލައި 21) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް ދޫކޮށްލަން އެ ކްލަބުން ނިންމި ނިންމުމަކީ ގޯހެއް ކަމަށް ދެ ފަހަރެއްގެ މަތިން ޔުނައިޓެޑަށް ކުޅެފައިވާ ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ ބުނެފި އެވެ.
މަނާބޭހާ ގުޅިގެން އައި ސަސްޕެންޝަނަށް ފަހު، ކުޅުމާ ދުރުގައި ހުރެފައި، ދާދި ފަހުން އެނބުރި އައިސް މޮނާކޯ އަށް ސޮއިކުރި ޕޮގްބާ، 33، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ރަޝްފޯޑަކީ ޔުނައިޓެޑާ އެކު ކެރިއަރެއް ބިނާކުރަން ޖެހޭ އެ ކްލަބްގެ ކުޅުންތެރިއެއް ކަމަށެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި، ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑް، 27، އެސްޓަން ވިލާ އަށް ބަދަލުވީ، މިދިޔަ ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމްރޮމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.
ޔުނައިޓެޑާ އެކު ރެޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވެސް ބާސެލޯނާ އަށް ދެވޭތޯ މަސައްކަތް ކުރި ރެޝްފޯޑަށް، އެ ކްލަބުން ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ އޭރު ވަނީ ބުނެފަ އެވެ. ރެޝްފޯޑް ވެސް ދާދި ފަހުން، ބާސެލޯނާ އަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކުރިއިރު، މިހާރު އެ ކްލަބުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފަ އެވެ.
"ބޭނުންނުވާ ކުޅުންތެރިއަކު ކްލަބުން ދޫކޮށްލަފާނެ. އެކަމަކު މިއީ އަހަރެންގެ ވިސްނުމުގައި ތަފާތު ކަމެއް. ރެޝްފޯޑަކީ ޔުނައިޓެޑްގެ ކުޅުންތެރިއެއް، އެކަމަކު، އެ މީހުން އޭނާގެ ނަމްބަރު އަތުލައިފި، އޭނަ ދޫކޮށްލަން ނިންމައިފި، މިއީ ހަގީގަތުގައި ޔުނައިޓެޑަށް ގެއްލުން ބޮޑު ކަމެއް ގޮތަށް ފެންނަނީ،" އެކަޑަމީ ލެވަލުން ސީނިއާ ކެރިއަރު ޔުނައިޓެޑާ އެކު ފެށި ޕޮގްބާ ބުންޏެވެ.
ބާސެލޯނާ އިން ރެޝްފޯޑް ގެންދަނީ ކުރިއަށް އޮތް ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުތަކަށް ކުޅެ، ރެޝްފޯޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް މެޗެއް ކުޅެދިނީ، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ސީނިއާ ޓީމުގައި މި ހޭދަވީ އަށް އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް 426 މެޗުން 138 ގޯލު ޖަހައިފަ އެވެ.
Comment