Advertisement

ފުރިހަމަ މޮޅަކާ އެކު ސްވިއަޓެކަށް ވިމްބަލްޑަން ޗެމްޕިއަންކަން

13 ޖުލައި 2025 - 07:20 0


ފުރިހަމަ މޮޅަކާ އެކު ސްވިއަޓެކަށް ވިމްބަލްޑަން ޗެމްޕިއަންކަން

13 ޖުލައި 2025 - 07:20 0

ލަންޑަން (ޖުލައި 13) - ފައިނަލުގައި އެމެރިކާގެ އެމެރިކާގެ އަމަންޑާ އަނިމިސޯވާ އަތުން 57 މިނިޓް ތެރޭ ތަފާތު ބޮޑު މޮޅެއް ހޯދައި، ޕޮލެންޑްގެ އީގާ ސްވިއަޓެކް ފުރަތަމަަ ފަހަރަށް ވިމްބަލްޑަން އަންހެން ސިންގަލްސް ތަށި ހޯދައިފި އެވެ.

އުމުރުން 24 އަހަރުގެ ސްވިއަޓެކް ފުރަތަަމަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކުރީ މުޅިން އަލަށް ގްރޭންޑް ސްލޭމް ފައިނަލެއްގައި ކުޅުނު 23 އަހަރުގެ އަނިމިސޯވާ އަތުން 6-0، 6-0 އިން މޮޅުވެގެންނެވެ. މިއީ، 1911 ވަނަ އަހަރަށް ފަހު ވިމްބަލްޑަން އަންހެން ސިންގަލްސް ފައިނަލެއް މިހާ ފަރަގު ބޮޑުކޮށް ނިމުނު ފުރަތަމަ ފަހަރެވެ.

"މި ނަތީޖާ އަކީ އަހަންނަށް ވެސް ގަބޫލުކުރަން ދަތި ކަމެއް. ކޮންފިޑެންސާ އެކު މި ވަރުގެ ކުޅުމެއް ދެއްކޭނެ ކަމަކަށް ނުދެކެން،" ކެރިއަރުގައި ހަ ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ސްވިއަޓެކް ބުންޏެވެ.

ވިމްބަލްޑަން މެޗެއްގެ ތެރެއިން ސްވިއަޓެކް ބޯޅަ ފޮނުވާލަނީ.


"ހަގީގަތަަށް ބުނަންޏާ ކުރިން އަހަންނަށް ގްރޭންޑް ސްލޭމް ލިބިފައި ހުއްޓަސް، ވިމްބަލްޑަން މި ގޮތަށް ލިބުމަކީ ގަބޫލުކުރަން ވެސް އުނދަގޫ ކަމެއް،"

ސްވިއަޓެކަށް ވުރެން ތިން މަސް ހަގު، އަނިމިސޯވާ އަށް ފައިނަލުގައި ޕްރެޝަރާ ހެދި ނުކުޅެވުނެވެ. ސެމީ ފައިނަލުގައި، ދުނިޔޭގެ އެއް ވަނަ ބެލަރޫސްގެ އަރީނާ ސަބަލެންކާ އަތުން މޮޅުވިއިރު، ދެއްކި ކުޅުން، ފައިނަލުގައި އަނިމިސޯވާ އަށް ދެއްކޭ ގޮތެއްނުވި އެވެ.

މީގެ ހަތް އަހަރު ކުރިން، ވިމްބަލްޑަން ޖޫނިއާ ޗެމްޕިއަންކަން ހޯދި ސްވިއަޓެކް، މީގެ ކުރިން ހޯދި ގްރޭންޑް ސްލޭމްތަކަށް ބަލާއިރު، ފަސް އަހަރު ތެރޭ ހަތަރު ފަހަރު، ފްރެންޗް އޯޕަން ކާމިޔާބުކުރުން ހިމެނެ އެެވެ. ފުރަތަމަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކުރި، ސްވިއަޓެކަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ގެއްލުނީ މިދިޔަ އަހަރު އެވެ. އެއީ، ގާތްގަނޑަކަށް ދެ އަހަރު އެ މަގާމު ދެމެހެއްޓުމަށް ފަހު އެވެ.