Advertisement

ހަތް މީހުންނާއެކު މަހަށް ފުރި ދޯންޏެއް ގެއްލިއްޖެ

11 ޖުލައި 2025 - 06:59 0

މޫސުން ގޯސް ދުވަހެއްގައި ދަތުރުކޮށްފައި ދާ ލޯންޏެއް. އިއްޔެ މޫސުން ގޯސްވި ވަގުތު ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގާފައިވޭ. -- ފޮޓޯ: އަދަދު


ހަތް މީހުންނާއެކު މަހަށް ފުރި ދޯންޏެއް ގެއްލިއްޖެ

11 ޖުލައި 2025 - 06:59 0

މ. އަތޮޅުން ހަތް މީހުންނާއެކު މަހަށް ފުރި ދޯންޏެއް ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރޭ ދަންވަރު އެންއެންޑީއެފްގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައި ބުނެފައި ވަނީ އިއްޔެ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ހިނގި ހަތް ހާދިސާގެ ތެރޭގައި ހަތް މީހުންނާއެކު މަސް ދޯންޏެއް ގެއްލިފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ރަށެއްގެ، ކޮން ކަމެއް ކިޔާ ދޯންޏެއް ކަމެއް އަދި ދޯނީގައި ތިބި މީހުންނަކީ ވެސް ކޮން ބައެއްކަން ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ ގެއްލުނު އެ ދޯންޏާއި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި މީހާ ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ކުރަމުންދާ ކަމަށެވެ. މި ދެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ގދ. ގައްދޫން އެ އަތޮޅު ގަމަށް ދަތުރުކުރި ޑިންގީގައި ގެއްލުނީ އާންމު ގޮތެއްގައި އެކަނި ވަދުއެޅުމަށް ނުކުންނަ އުމުރުން ދުވަސްވީ މީހެކެވެ.

ކަނޑުމަތީގެ އިތުރު ފަސް ހާދިސާއެއް ވެސް ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އެއީ،

  • ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުން. އެ މީހާ ފަތާފައި ރ.ދުވާފަރަށް އެރި
  • އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުން
  • 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވުން
  • ހަތަރު މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަކަށް އެރުން
  • 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔުން

އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު ކަފު ޖަހައިގެން މާލެ ގެނައުމަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އވެެ.

ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ރޭ 22:23 ހާއިރު ބ.ދަރަވަންދޫ އަށް ވަދެފައިވެ އެވެ. އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗެއްގައި ތިބި ހަތަރު މީހުން ވަނީ ރޭ ދަންވަރު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ.ހިންމަފުއްޓަށް ގެންދިޔަ އެވެ.

މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަނިކް އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، އަޑިޔަށް ދިޔައީ ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރި އަށެވެ. އެ އުޅަނދުގައި ތިބި މީހުން ސަލާމަތްކޮށް ފުރަތަމަ ދިޔައީ ސަން ސިޔާމް އޮޅުވެލި ބީޗް ރިޒޯޓަށެވެ. އެއަށް ފަހު ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައި އެ މީހުން ރޭ މާލެ ގެނައެވެ.

މައުލޫމާތު އެނގޭތަ؟


ހަތް މީހުންނާއެކު ގެއްލުނު ދޯނީގެ މައުލޫމާތާއި މީހުންގެ މައުލޫމާތު އެނގޭނަމަ ކޮމެންޓެއްގެ ނުވަތަ އަދަދުގެ ފޭސްބުކް ޕޭޖު ނުވަތަ އެކްސް އެކައުންޓަށް މެސެޖެއްގެ ގޮތުގައި އެ މައުލޫމާތު ފޮނުވައި ދޭށެވެ.