Advertisement

އާސެނަލަށް ފަސޭހައިން ޔޯކެރޭޝްގެ ޑީލް ނިންމެން ނެތް

8 ޖުލައި 2025 - 07:28 0


އާސެނަލަށް ފަސޭހައިން ޔޯކެރޭޝްގެ ޑީލް ނިންމެން ނެތް

8 ޖުލައި 2025 - 07:28 0

ލިޒްބަން، ޕޯޗުގަލް (ޖުލައި 8) - ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝްގެ ސޮއި ހޯދަން އާސެނަލުން ކުރާ މަސައްކަތުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވިއްޖެ އެވެ.

އުމުރުން 27 އަހަރުގެ ޔޯކެރޭޝް ވަނީ، ސްޕޯޓިންގައި އޭނާ އަށް ކުރިން ކޯޗުކޮށްދިން ރުބެން އަމޮރިމް މިހާރު ހަވާލުވެހުރި މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެެވެ. ސްޕޯޓިންގެ މެނޭޖްމަންޓާ މައްސަލަ ޖެހި، އެ ޓީމު ދޫކޮށްލަން، ޔޯކެރޭޝް ނިންމާފައިވާއިރު، އޭނާ އިހުތިޔާރުކުރި ކްލަބަކީ، އާސެނަލް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕޯޗުގަލްގެޗެމްޕިއަން، ސްޕޯޓިންގެ ރައީސް ފްރެޑެރީކޯ ވަރަންޑާސް، މީގެ ކުރިން، ވިދާޅުވީ، ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ކަމަށްވާ 100 މިލިއަން ޑޮލަރު ދިނުމުން ނޫނީ އޭނާ ނުވިއްކާނެ ކަމަށެވެ. އެ ގޮތުން، 70 މިލިއަން ޑޮލަރުގެ ޕެކޭއްޖެއްގެ ތެެރެއިން، ޔޯކެރޭޝް ގަތުމުގެ ފުރުސަތު ބައެއް ކްލަބްތަކަށް އޮންނަ ކަމަށް މީޑިއާގައި ދެެކެވޭ ވާހަކަ ވަރަންޑާސް ވަނީ ދޮގުކުރައްވައިފަ އެވެ.

އާސެނަލުން ޔޯކެރޭޝް ގަންނަން ހުށަހަޅަން ވިސްނަނީ، 80 މިލިއަން ޑޮލަރުގެ އިތުރުން، ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ، އިތުރު 15 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އެކަމަކު، ސްޕޯޓިން އިން މަދުވެގެން އެންމެ ފުރަތަމަ ވެސް 90 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ސީޒަނުގައި 52 މެޗުގައި 54 ގޯލު ޖެހި، ޔޯކެރޭޝް އަކީ، މީގެ ކުރިން، އިނގިރޭސި ކްލަބް، ބްރައިޓަންގެ ކޮންޓްރެކްޓްގައި ހުރެ ކަވެންޓްރީ އާއި ސްވަންސީ ސިޓީ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ ދެ އަހަރު ކުރިން، ސްޕޯޓިން އިން ޔޯކެރޭޝް ގަތީ 25 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.