Advertisement

ތިއާގޯ ސިލްވާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ހާއްސަ މެޗަކަށް

8 ޖުލައި 2025 - 07:28 0


ތިއާގޯ ސިލްވާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ހާއްސަ މެޗަކަށް

8 ޖުލައި 2025 - 07:28 0

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 8) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބްރެޒިލްގެ ފްލުމިނެންސޭގެ ކެޕްޓަން، ތަޖުރިބާކާރު، ޑިފެންޑަރު، ތިއާގޯ ސިލްވާ، އޭނާގެ ކުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ހާއްސަވާނެ އެވެ.

ފްލުމިނެންސޭގެ ޔޫތު ޓީމަށް 1998-2000 އަށް ކުޅުނު ތިއާގޯ ސިލްވާ، 40، ވަނީ އެ ކްލަބަށް 2006-2009 އަށް ވެސް ކުޅެފަ އެވެ. މިދިޔަ ހަތަރު އަހަރު ޗެލްސީގައި ހޭދަކުރި ތިއާގޯ ސިލްވާ، ދިޔައީ ކޮންމެ ސީޒަނަކަށް ފަހު ޗެލްސީގެ ކޮންޓްރެކްޓް އާ ކުރަމުންނެވެ. އެކަމަކު، މި ސީޒަން ފެށުމުގެ ކުރިން އޭނާ ނިންމާފައިވަނީ އުފަން ގައުމަށް އެނބުރި ދާށެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ޖާގަ ޗެލްސީ އަށް ލިބުމުގައި، ތިއާގޯ ސިލްވާގެ ރޯލު ވެސް ބޮޑެވެ. އެއީ، ތިއާގޯ ސިލްވާގެ ބައިވެރިވުން ހިމެނޭ ގޮތަށް، 2021 ވަނަ އަހަރު ޗެލްސީން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވުމެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްގެ މައްޗަށް ކުއާޓާ ފައިނަލުގައި ކުރި ހޯދި މެޗަށް ފަހު، ތިއާގޯ ސިލްވާ ބުނީ، ފްލުމިނެންސޭ އިން ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ކުރީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި، ސެމީ ފައިނަލުގައި ޗެލްސީއާ ކުޅެން ޖެހިއްޖެނަަމަ، ވަރަށް ހާއްސަވާނެ ކަމަށް ވެސް ޗެލްސީން ޕަލްމެއިރާސްއާ ކުޅުނު މެޗުގެ ކުރިން ތިއާގޯ ސިލްވާ ވަނީ ބުނެފަ އެވެ.

ޗެލްސީގެ ސްޕެނިޝް ފުލްބެކް، މާކް ކުކުރޭއާ ވަނީ، ޕަލްމެއިރާސް މެޗުގެ ކުރިން، ތިއާގޯ ސިލްވާގެ މެސެޖެއް ލިބުނު ކަމަށް ބުނެފަ އެވެ. އަދި، ސެމީ ފައިނަލުގައި ޗެލްސީއާ ބައްދަލުކުރުމަކީ، ތިއާގޯ ސިލްވާ އެދިގެން ހުރި ކަމެއް ކަމަށް ކުކުރޭއާ ބުނެފައިވެ އެވެ.

މިދިޔަ ސީޒަނަށް ފަހު، ޗެލްސީ ދޫކޮށްލުމުގެ ކުރިން، ތިއާގޯ ސިލްވާ ވަނީ، ކުޅުމުގެ ކެރިއަރުގައި ނޫން ކަމުގައި ވިޔަސް، ޗެލްސީގައި އޭނާގެ ފުޓްބޯޅަ ހަޔާތުގެ އާ ޗެޕްޓަރެއް ކުރިއަށްގެންދިއުމަކީ ބޮޑު އުންމީދެއް ކަމަށް ބުނެފަ އެވެ.

އޭސީ މިލާނާއި ޕީއެސްޖީ އަށް ވެސް ކުޅެފައިވާ ތިއާގޯ ސިލްވާ ވަނީ ޔޫރަޕްގައި 30 ޓްރޮފީ ހޯދައިފަ އެވެ.

ޗެލްސީއާ ހިލޭ ޓްރާންސްފާއެއްގައި ގުޅުމަށް ފަހު، އެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކި ތިއާގޯ ސިލްވާ އަކީ، 2022/2023 ވަނަ ސީޒަނުގައި އެ ކްލަބުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ތިއާގޯ ސިލްވާ، ވަނީ ޗެލްސީ އަށް 150 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޗެލްސީ އާއި ފްލުމިނެންސޭ އިން ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 00:00 ގަ އެވެ.