7 ޖުލައި 2025 - 18:53 0
7 ޖުލައި 2025 - 18:53 0
ދިވެހިރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން މި މަހު ފާހަގަ ކުރާއިރު ބޭނުން ކުރަން ހާއްސަ ލޯގޯއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިފުތިތާހުކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ދިވެހިރާއްޖެ މުޅިން މިނިވަންވީ ޖުލައި 26، 1965، ގަ އެވެ. އެހެންކަމުން މި އަހަރު ފާހަގަ ކުރާނީ 60 ވަނަ މިނިވަން ދުވަހެވެ.
ރައީސް އޮފީހުން އިފުތިތާހު ކުރި ލޯގޯގައި ދިވެހިރާއްޖޭގެ ދިދަ އާއި މޫދާއި އަތޮޅުތައް ރަމްޒުކޮށްދެ އެވެ. ލޯގޯގައި "މިނިވަން 60" އިނގިރޭސިން އަދި ދިވެހި ބަހުން ވަނީ ޖަހާފަ އެވެ. ލޯގޯގެ ތިރީގައި "ފަހުރުވެރި މިނިވަން ފަސްދޮޅަސް" ޖަހާފައިވެ އެވެ.
މިނިވަން ދުވަސް ފާހަގަ ކުރަން ހެދި ލޯގޯ އެއް އަހަރު ދުވަހަށް ބޭނުން ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޖުލައި 25، 2026، ގެ ނިޔަލަށް ސަރުކާރުން ފޮނުވާ ލިޔުންތަކާއި ސިޓީތަކުގައި އެ ލޯގޯ ބޭނުން ކުރަން ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ސަރުކާރުން ނިންމާފައިވާކަން އެނގިފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ވެސް ހުޅުވަން ނިންމާފައި ވަނީ މިނިވަން ދުވަހެވެ.
އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ޝޯއަށް މިލިއަނަކަށްވުރެ ގިނަ ޑޮލަރު ހަރަދު ކުރާނެ އެވެ.
އޭގެ އިތުރުން، ހުޅުމާލޭގައި އަޅަމުންދާ ދެ ކޯޓެއްގެ އިމާރާތް ވެސް މިނިވަން ދުވަހު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާކަން އެނގިފައިވެ އެވެ. އެއީ މާލޭގައި ހިންގާ ދެ ކޯޓެއްގެ ޖާގައިގެ ދަތިކަން ހައްލު ކުރަން އަޅާ އިމާރާތެކެވެ.
Comment