Advertisement

ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި

7 ޖުލައި 2025 - 13:00 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި

7 ޖުލައި 2025 - 13:00 1

ފަނޑިޔާރުކަން ފިޔަވައި، ފަނޑިޔާރުންނަށް ކުރެވިދާނެ އެހެނިހެން މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.

ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން، ފަނޑިޔާރުންނަށް ކުރެވޭނެ ކަންކަން ކަނޑައެޅުމުގެ ބާރު އެ މާއްދާއިން ޖޭއެސްސީއަކަށް ނުލިބެ އެވެ.

ނަަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް އަދި މަސައްކަތްތަކަށް ބުރޫނާރާނެ ކަމަށް "ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ" މަސައްކަތްތައް ކުރުން ހުއްދަވާނެ ކަމަށެވެ.

އޭގެ އިތުރުން، ފަނޑިޔާރުންނަށް ލިބިދޭ ބައެއް ބާރުތައް އުނި ކުރަން ވެސް ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި ކޯޓުތައް ހިންގުމަށް ބޭނުންވާ ގަވާއިދު ހެދުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުގައި ބުނާ ބައި އުނި ކުރުން ހިމެނެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޮޑު ބާރެއް ދިނުމަށް މަސައްކަތް ކުރާއިރު، އެ ކޮމިޝަނުން ދާދި ފަހުން ވަނީ ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖިލީހަށް ފޮނުވައި އެ ފަނޑިޔާރުންގެ މަގާމު ގެއްލުވާލާފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގެ ބާރު މިހާރު އޮންނަނީ ސަރުކާރުގެ އަތްމަތީގަ އެވެ.

ކޮމިޝަނުގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެ ކޮމިޝަނުން އައްޔަން ކުރާ މެންބަރަކާއި ބަންޑާރަނައިބާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ވަކީލުން އިންތިހާބު ކުރާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުން އިންތިހާބު ކުރާ ތިން މެންބަރުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާގެ މައްޗަށް ތުހުމަތުތަކެއް އުފަންކޮށް މައްސަލަ ބެލީ ކޮމިޝަނުގެ އިޖުރާއަތުތަކާ ހިލާފަށެވެ. ޖޭއެސްސީ އިން ކުރިއަށް ގެންދިޔަ ތަހުގީގު ގާނޫނާ ހިލާފު ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވިދާޅުވި އެވެ. މަޖިލީހުން ނިންމީ އެ ދެ ފަނޑިޔާރުން ވަކި ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭނެ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ބަލަން ފެށުމުންނެވެ.

ތުހުމަތުތަކެއް އުފަން ކުރުމަށްފަހު ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލަ އަޑުއެހުމެއް ތާވަލުކޮށް މައްސަލަ ބަލަން ފަށަން ކުޑަތަންވެފައި އޮއްވަ އެވެ.