1 ޖުލައި 2025 - 09:18 0
1 ޖުލައި 2025 - 09:18 0
ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 1) - އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 4-3 އިން، އިނގިރޭސި ގަދަބާރު، މެންޗެސްޓާ ސިޓީ ބަލިކޮށް، އެ ޓީމު ކަޓުވާލައި، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލުން ފީފާގެ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އިންޓަ މިލާނާއި ލާޒިއޯގެ ކުރީގެ ކޯޗު ސިމޯން އިންޒާގީގެ ކޯޗުކަމުގައި މި ފަހަރުގެ ކްލަބް ވޯލްޑް ކަޕަށް ނުކުތް އަލް ހިލާލުން ގްރޫޕް ސްޓޭޖުގައި ރެއާލް މެޑްރިޑާ އެއްވަރުކުރިއިރު، ގަދަ 16 ބުރުގައި ސިޓީ އަތުން މި ހޯދީ ބޮޑު މޮޅެކެވެ.
ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ހާފު ނިންމާލިއިރު، ސިޓީން އޮތީ ލީޑުގަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ބެނާޑޯ ސިލްވާ އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ހަ މިނިޓް ތެރޭ އަލް ހިލާލުން ނަތީޖާ އަނބުރާލި އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 40 ސިކުންތުގެ ކުޅުން ނިމުނުތަނާ އޭރިއާތެރެއިން ލިބުނު ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި، މާކޯސް ލެއޮނާޑޯ ވަނީ ގޯލު ޖަހައިފަ އެވެ. އަދި، 52 ވަނަ މިނިޓްގައި، ސިޓީން ކޯނަރަކަށް ކުރިއަރައި ތިބި ވަގުތެއްގައި ޑިފެންސް ފަހަތަށް އައި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، މަލްކޮމް ވަނީ ހިލާލަށް ލީޑުނަގައިދީފަ އެވެ.
ސިޓީ އަށް އޭގެ ފަހުން އެއްވަރުކޮށްދިނީ، އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުންނެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި، އަލް ހިލާލުގެ ކަލީދޫ ކުލިބާލީ ވަނީ ކޯނަރަކުން އައި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އަލް ހިލާލް އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައި ފިލް ފޯޑެން ސިޓީ އަށް އެއްވަރުކޮށްދިނެވެ.
މި މެޗުން އަލް ހިލާލް މޮޅުކޮށްދިން ގޯލު ޖެހީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި މާކޯސް ލެއޮނާޑޯ އެެވެ. ސިޓީ އޭރިއާތެރެއިން އަލް ހިލާލްގެ ސާގޭއި މިލިންކޮވިޗް ސަވިޗް ބޮލުން ޖެހި ބޯޅައެއް ސިޓީ ކީޕަރު އެޑަސަން މޮރާއެސް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު، ލެއޮނާޑޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗުގައި، އަލް ހިލާލްގެ ގޯލު ބެލެހެއްޓި، މޮރޮކޯ ގައުމީ ޓީމުގެ ގޯލްކީޕަރު، ޔާސީން ބޯނޯ ވަނީ ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
އަލް ހިލާލުން ކުއާޓާ ފައިނަލުގައި ކުޅޭނީ، އިންޒާގީގެ ކުރީގެ ޓީމު، އިންޓަ މިލާން 2-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ކުއާޓާ ފައިނަލަށް އައި ބްރެޒިލްގެ ފްލުމިނެންސޭ އެވެ. ތިއާގޯ ސިލްވާގެ ކެޕްޓަންކަމުގައި ކުޅޭ ފްލުމިނެންސޭ އިން އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
Comment