Advertisement

ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރަން ނިންމި ނިންމުން ބަދަލުކުރަން އަޒާނު ގޮވާލައިފި

30 ޖޫން 2025 - 16:34 3


ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރަން ނިންމި ނިންމުން ބަދަލުކުރަން އަޒާނު ގޮވާލައިފި

30 ޖޫން 2025 - 16:34 3

ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ފައިސާ ވެސް ހޯދައި، މި ސަރުކާރުން މަސައްކަތް ފެށި އައްޑޫ ސިޓީ ހަންކެޑެ މަޝްރޫއު ހަލާލް ޓޫރިޒަމަށް ބަދަލުކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ގޮވާލައްވައިފި އެވެ.

ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރީ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންނި ނިންމުމުގެ ދަށުންނެވެ. އެ ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާނު ވަނީ ސަރުކާރުގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި. އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއް،" އަޒާން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި ހަންކެޑެގައި ތަރައްގީކުރެވިގެންދާ ހަލާތު ޓޫރިޒަމްގެ ސަބަބުން ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރަން މަގު ފަހިވެގެން ދާނެ އެވެ. އަދި އެ ތަނުގައި ތަރައްގީކުރާ ރިސޯޓުތަކުގެ ސަބަބުން ވަޒީފާ އުފެދި އިގުތިސޯދީ ދުވެލި ހަލުވިވެގެންދާނެ ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ވެސް ހުރީ ހަމަޖެހިފައިވާ ކަމާއި އޭގެ ތެރެއިން ބައެއް އެޑްވާންްސްގެ ގޮތުގައި ވެސް ކޮންޓްރެކްޓަރުންނަށް ދޫކޮށްފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.

"ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރަން ނިންމާފަވާ މަޝްރޫއެއް. މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގަ ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި. އަދި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ވަނީ ދައްކާފައި،" އަޒާން ވިދާޅުވި އެވެ.

އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫގެ ޓޫރިޒަމަށް އިންވެސްޓް ކުރަން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އަޒާނު ވިދާޅުވި އެވެ.

ހަންކެޑެގައި ހަލާލު ޓޫރިޒަމް ހިންގާ ގޮތަށް ސަރުކާރުން ނިންމިއިރު، އެ ތަނުގައި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު ފަށަން މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވަޑައިގެން އައްޑޫގައި ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ފަހުން އެ ތަނުގައި އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރުކޮށް ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) ކޯޕަރޭޝަނާ އެވެ. މި މަސައްކަތް ކުރަން 142.9 މިލިއަން ރުފިޔާގެ ލޯނު ހަމަޖެއްސީ ބޭންކް އޮފް ޗައިނާއިންނެވެ.