Advertisement

ފުރަތަމަ މެޗުން ބަލިވިޔަސް އިންޑިއާ އިން ބުމްރާގެ ޕްލޭނަށް ބަދަލެއް ނެތް

25 ޖޫން 2025 - 13:17 0


ފުރަތަމަ މެޗުން ބަލިވިޔަސް އިންޑިއާ އިން ބުމްރާގެ ޕްލޭނަށް ބަދަލެއް ނެތް

25 ޖޫން 2025 - 13:17 0

ލީޑްސް، އިންގްލެންޑް (ޖޫން 25) - އިންގްލެންޑާއި އިންޑިއާ އިން ކުޅޭ ފަސް މެޗުގެ ޓެސްޓް ސީރީސްގެ ފުރަތަމަ މެޗުން އިންޑިއާ ފަސް ވިކެޓުން ބަލިވި ކަމުގައި ވިޔަސް، އެ ޓީމުގެ ފާސްޓް ބޯލަރު، ޖަސްޕްރީތު ބުމްރާ ބޭނުންކުރަން ހަދާފައި އޮތް ޕްލޭނަށް ބަދަލު ނުގެންނާނެ ކަމަށް ބުނެފި އެވެ.

ފަސް ވަނަ ދުވަހު، އިންގްލެންޑުން ވަނީ 371 ލަނޑުގެ ޗޭސް އެއް އަނބުރާލައި، ފަސް ވިކެޓުން މޮޅުވެފަ އެވެ. އިންޑިއާގެ ފަސް ކުޅުންތެރިއަކު ސެންޗަރީއެއް ހެދި ޓެސްޓް ސީރީސްގެ މި މެޗުގައި، އެ ޓީމު ބަލިވިއިރު، އިންގްލެންޑުން ވަރަށް ވަރުގަދަ އަށް ކުޅުނެެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، އިންޑިއާ އިން ހަލުވި އުކުންތެރިޔާ، ބުމްރާ ބޭނުންކުރި ނަމަ މި މެޗުން މޮޅުވެވޭނެ އެވެ.

އެކަމަކު، އުނަގަނޑަށް ލިބުނު އަނިޔާ އަކުން ރިކަވާވެގެން މީގެ އެއް މަސް ކުރިން ކުޅުމަށް އެނބުރި އައި ބުމްރާ ބޭނުންކުރާނެ ގޮތްތަކަކާ ގުޅޭގޮތުން އިންޑިއާ އިން ވަނީ ޕްލޭނެއް ހަދައިފަ އެވެ. އެއީ، ފަސް މެޗުގެ ތެރެއިން، ބަހާލައިގެން ބުމްރާ ލައްވައި ކުޅުވާ ގޮތަށެވެ.

އިންގްލެންޑާ ދެ ކޮޅަށް ފުރަތަމަ އިނިންގްސްގައި ބުމްރާ ވަނީ ފަސް ވިކެޓް ނަގައި، މޮޅު ކުޅުމެއް ދައްކައިފަ އެެވެ. އެކަމަކު، ފަހު އިނިންސްގައި، ބުމްރާ އަށް ވިކެޓެއް ނުނެގުނެވެ.

އިންޑިއާގެ ކޯޗު ގޯތަމް ގަމްބީރު ބުނީ، މިހާރު ވެސް އޮތީ ކުރިން ހެދި ޕްލޭނާ އެއްގޮތަށް ބުމްރާ ވަކި މެޗުތަކެއްގައި ކުޅޭ ގޮތަށް ކަމަށެވެ. އަދި، ބޮޑު އަނިޔާއަކުން ރިކަވާވެގެން ކުޅުމަށް އެނބުރި އައިސް، ބުމްރާ ލައްވައި ހުރިހާ މެޗެއް ކުޅުވުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ގަމްބީރު ވަނީ ބުނެފަ އެވެ.

ގިނަ ބަޔަކު އަންނަނީ ބުމްރާ ލައްވައި ގިނައިން ކުޅުވުމަކީ މި ވަގުތަށް ބަލާއިރު މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. އެކަމަކު، ގަމްބީރުގެ ވިސްނުމަކީ، ފަސް މެޗުގެ ތެރެއިން ތިން މެޗުގައި ބުމްރާ ލައްވައި ކުޅުވުމެވެ.

އިންޑިއާ އާއި އިންގްލެންޑުން ކުޅޭ ފަސް މެޗުގެ ޓެސްޓް ސީރީސްގެ ދެ ވަނަ މެޗު އޮތީ އަންނަ މަހު ދެ ވަނަ ދުވަހު އެެވެ.