23 ޖޫން 2025 - 22:15 1
ހަސަން މުހައްމަދު
23 ޖޫން 2025 - 22:15 1
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދިނުމުން ގަތަރާއި އަވައްޓެރި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވިއްޖެ އެވެ.
ބެލެވޭ ގޮތުގައި ގަތަރުގެ ދޯހާއިން ރާއްޖެއަށް ހަފުތާއަކު ގާތްގަނޑަކަށް 14 ފްލައިޓެ އަޅަ އެވެ. އޭގެ އިތުރުން ދުބާއީން ގާތްގަނޑަކަށް 49 ފްލައިޓު ރާއްޖެއަށް ހަފުތާއަކު ދަތުރު ކުރެ އެވެ.
އިރާނުން މިރޭ ހަމަލާ ދިނީ ގަތަރާއި ބަހުރޭނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ވެސް އިރާނުން ހަމަލާ ދޭނެ ކަމަށް ބެލެވެ އެވެ. އެ ހަމަލާތަކަކީ، އިރާނުގެ ތިން ސަރަހައްދަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލެވެ.
ރާއްޖެއަށް ޔޫރަޕުން އަންނަ ވަރަށް ގިނަ ފަތުރުވެރިން އަންނަނީ ޑުބާއީ އާއި ދޯހާ މަގުންނެވެ. އެހެންކަމުން އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން ރާއްޖޭގެ ޓުއަރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.
މާދަމާ ވެސް ދުބާއީ އިން ހަތް ފްލައިޓު ރާއްޖެއަށް އައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އޭގެ އިތުރުން ދޯހާ އިން ވެސް ދެ ފްލައިޓު ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން އެ ފްލައިޓުތައް ކެންސަލް ކުރާނެ ކަމަށް ބެލެވެ އެވެ.
ގަތަރާއި ދޯހާގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން، ދިވެހި ވިޔަފާރިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑުބާއީއަކީ އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ އެއް ގައުމެވެ. އެއާ ފްރައިޓުކޮށް ދުބާއީ މަގުން ކޮންމެ ދުވަހަކު ވެސް އެތައް މިލިއަން ރުފިޔާއެއްގެ މުދާ އެތެރެ ކުރެ އެވެ.
"މާދަމާ އަންނަ ބޯޓަކުން ވެސް އަހަރުމެން މި ގެންނަނީ މުދާތަކެއް. އެ ފްލައިޓަށް ނާދެވެންޏާ އެއީ ވިޔަފާރިއަށް ވާނެ ވަރަށް ބޮޑު ގެއްލުމެއް،" ނޫހުގައި ނަން ނުޖެހުމަށް އެދި މި ނޫހާ ވާހަކަ ދެއްކި ބޮޑު ވިޔަފާރިވެރިއަކު ބުންޏެވެ.
މިކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދަށް މި ނޫހުން ގުޅުމުން މިވަގުތު ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
Comment