Advertisement

މެންބަރު ސިނާންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ބުދަ ދުވަހަށް ތާވަލުކޮށްފި

23 ޖޫން 2025 - 17:48 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން: އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ ދަރަންޏެއް ނުދައްކާ ކަމަށް ބުނެ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މެންބަރު ސިނާންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ބުދަ ދުވަހަށް ތާވަލުކޮށްފި

23 ޖޫން 2025 - 17:48 2

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.

އެޕްރީލް 15، ގައި ރަޖިސްޓްރީކުރި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ ޖޫން 25، ގެ ހެދުނު 10:15 އަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ލަސްވެގެން ވަކީލުން އަދި މައްސަލަ ހުށަހެޅި ފަރާތުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ފެބްރުއަރީ 13، ގައި ޣާލިބު ސަލީމު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ.

އެފަދަ ހާލަތެއްގައި މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. ލޯނު ދެއްކުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާތީ ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024، ގައި ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ނަމަވެސް ސިނާނު އާއި އޭނާއާއެކު ލޯނު ނެގި މީހުން މި ފައިސާ ދައްކާފައިނުވާކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ސިނާނުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލައިގައި ހިމެނޭ ފައިސާ މިހާރު ވަނީ ދައްކައި ހާލާސްކޮށްފައިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އެ ފައިސާ ދެއްކީ ނަގުދު ފައިސާއިން ކަމާއި ބޭންކަށް އެ ފައިސާ ދައްކަން ދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ ކުރީގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން ކަން ވެސް އެނގިފައިވެ އެވެ.