Advertisement

ބާލިން އޯޕަން ކާމިޔާބުކޮށް ވޮންދުރޮސޯވާ އަށް ހަމަނޭވައެއް

23 ޖޫން 2025 - 13:05 0


ބާލިން އޯޕަން ކާމިޔާބުކޮށް ވޮންދުރޮސޯވާ އަށް ހަމަނޭވައެއް

23 ޖޫން 2025 - 13:05 0

ބާލިން (ޖޫން 23) - ބާލިން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ހޯދައި، އަނިޔާގެ ގިނަ މައްސަލަތަކުން އަރައިގަނެ، ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންދުރޮސޯވާ ހަމަނޭވައެއް ލައިފި އެވެ.

ވޮންދުރޮސޯވާ، 25، މީގެ އަހަރެއް ކުރިން ވަނީ، ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މިދިޔަ އަހަރަކީ، އޭނާ އަށް އެންމެ ރަނގަޅު އަހަރެއް ނޫނެވެ. ކޮނޑުހުޅަށް ލިބުނު އިންޖަރީ އާއި އަނިޔާގެ އެހެނިހެން ކަންތައްތަކެއް ކުރިމަތިވެ، އެންމެ ރަނގަޅު ކުޅުމެއް ނުދެއްކިދިޔައިރު، ފޯމަކަށް އެޅުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވި އެވެ.

ވޮންދުރޮސޯވާ ކެރިއަރުގެ ދެ ވަނަ ތަށި އުފުލާލައިގެން، މިއީ ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރޭ.


ބާލިން އޯޕަންގެ ތަށި، ވޮންދުރޮސޯވާ އަށް ލިބުނީ ޗައިނާގެ ވަން ޒިންޔޫ އަތުން މޮޅުވުމުންނެވެ. ކޮލިފައިން އިން ފެށިގެން ފައިނަލާ ހަމައަށް ދަތުރުކުރި ވެންގް، 23، އަތުން ވޮންދުރޮސޯވާ މޮޅުވީ، 7-6 (12-10) 4-6 6-2 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރިކޮށް ދިޔަ ނަމަވެސް، މެޗު ކުރިއަށްދިޔަ ވަރަކަށް ޕްރެޝަރަށް ހޭނިގެން، ވޮންދުރޮސޯވާ މޮޅަށް ކުޅެ، ކާމިޔާބު ހޯދީ އެވެ.

ވެންގް، ފުރަތަމަ ފަަހަރަށް ފައިނަލަށް ދަތުރުކުރީ، ދުނިޔޭގެ ރޭންކިންގެ ގަދަ 20 ގައި އޮތް ހަތަރު ކުޅުންތެރިން ބަލިކޮށްފަ އެވެ. އެކަމަކު، ވޮންދުރޮސޯވާ ކައިރީގައި ވެންގް އަށް ޓައި ބްރޭކްތަކުގައި ތަފާތެއް ނުދެއްކުނެވެ.

ވޮންދުރޮސޯވާ (ކ) ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ އެއް ވަަނަ ސަބަލެންކާ (ވ) ސެމީ ފައިނަލުގައި ބަލިކޮށްފައި: އެ މެޗަށް ފަހު ސަބަލެންކާ ވަނީ ވޮންދުރޮސޯވާގެ ކުޅުމަށް ތައުރީފުކޮށްފައި.


"ވަރަށް އުފާ އެބަވޭ ހަގީގަތުގައި، ފުރިބާރުވެފައި އޮތް މާހައުލެއްގައި ކުޅެގެން މި މޮޅު ލިބުނީމަ، ވަރަށް ދުވަސް ފަހުން، މިކަން ތަޖުރިބާ މި ކޮށްލެވުނީ،" ވޮންދުރޮސޯވާ ބުންޏެވެ.

މި މުބާރާތަށް އައިއިރު، ދުނިޔޭގެ ރޭންކިން، 164 ވަަނައިގައި އޮތް ވޮންދުރޮސޯވާ އަށް ބާލިން އޯޕަންގައި ލިބުނު އެންމެ ބޮޑު މޮޅަކީ، ދުނިޔޭގެ ރޭންކިން އެއް ވަނަ، ބެލަރޫސްގެ އަރީނާ ސަބަލެންކާ އަތުން ސެމީ ފައިނަލުގައި ހޯދި މޮޅެވެ.