Advertisement

ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން މަޖިލީހުގައި ކުރި ސުވާލަށް މިނިސްޓަރު ހައިދަރު ޖަވާބެއް ނުދިން

23 ޖޫން 2025 - 10:32 2

މިނިސްޓަރު ހައިދަރު މިއަދުގެ ޖަލްސާގައި: ސްޓޫޑަންޓް ލޯނުގެ 500 ޖާގައަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް 1300 ދަރިވަރުން ކުރިމަތިލި -- ފޮޓޯ: މަޖިލިސް


ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން މަޖިލީހުގައި ކުރި ސުވާލަށް މިނިސްޓަރު ހައިދަރު ޖަވާބެއް ނުދިން

23 ޖޫން 2025 - 10:32 2

ސްޓޫޑަންޓް ލޯނަށް ހުށަހަޅާފައިވާ ދަރިވަރުންނަށް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައިނުވާތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރި ސުވާލަށް ޖަވާބު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ދެކޮޅު ހައްދަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހައިދަރު ހާޒިރު ކުރީ މިނިމަމް ވޭޖާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދޭން ދެކޮޅު ހެއްދެވީ އެއީ މައުލޫއާ ގުޅޭ ސުވާލަކަށް ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެންބަރު އެ ކުރެއްވި ސުވާލަކީ މިއަދުގެ މައުލޫއާ ގުޅޭ ސުވާލެއް ކަމަށް ނުވާތީ އަޅުގަނޑު އުޒުރުވެރިވަން ޖަވާބެއް ދޭން އިނގޭތޯ،" ހައިދަރު ވިދާޅުވި އެވެ.

މެންބަރު އިބްރާހިމް ހުސެއިންގެ ސުވާލުގައި އޭނާ ވިދާޅުވީ، ސްޓޫޑަންޓް ލޯނަށް އެދި ހުށަހަޅާފައިވާ ދަރިވަރުންނަށް ޖަވާބެއް ނުދޭތީ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. މެންބަރު ސުވާލު ކުރެއްވީ ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ އެވެ.

ސްޓޫޑަންޓް ލޯނުގެ 500 ފުރުސަތު ސަރުކާރުން ހުޅުވައިލީ މާޗް، 2025، ގަ އެވެ. އޭޕްރީލް މަހުގެ ނިޔަލަށް 1300 ދަރިވަރުން ލޯނަށް ކުރިމަތިލި އެވެ. ނަމަވެސް ސްޓޫޑަންޓް ލޯނު ލިބޭ ދަރިވަރުން އަދި ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ހަޔާ އެޑިއުކޭޝަން ލޯން ސްކީމުގެ ދަށުން މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 157 ދަރިވަރަކަށް 157 މިލިއަން ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ އިތުރުން، ލޯނު ނަގައިގެން މިވަގުތު ވެސް 1653 ދަރިވަރުން ކިޔަވަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

ސްޓޫޑަންޓް ލޯނު ދޫކުރަނީ މަހުން މަހުން އެމަހަކަށް ޖެހޭ އަދަދަކަށެވެ. ކޮންމެ މަހަކު ދޭންޖެހޭ ފައިސާ ލިބުން ލަސްވާތީ މި ފަހުން ވަރަށް ގިނަ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބެއް ނުދޭތީ ބައެއް ދަރިވަރުން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.