23 ޖޫން 2025 - 08:27 0
23 ޖޫން 2025 - 08:27 0
ލަންޑަން (ޖޫން 23) - ޗެކް ރިޕަބްލިކްގެ ޖިރީ ލެހަކާ ބަލިކޮށް، ކާލޯސް އަލްކަރާޒް، ކުއީންސް މުބާރާތުގެ ފިރިހެން ސިންގަލްސް ތަށި އުފުލާލައި ކުރިއަށް އޮތް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަން އަށް ތައްޔާރުވެއްޖެ އެވެ.
އިނގިރޭސި އެއް ވަނަ ޖެކް ޑްރެޕާ ކަޓުވާލައި، ފައިނަލަށް ދަތުރުކުރި 23 އަހަރުގެ ލެހަކާ އަކީ މި އަހަރު އަލްކަރާޒް އަތުން މޮޅުވި ފަސް ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އެ ގޮތުން، ލެހަކާ ވަނީ، ފެބްރުއަރީ މަހު ގަތަރު އޯޕަންގެ ކުއާޓާ ފައިނަލުގައި އަލްކަރާޒް ބަލިކޮށްފަ އެވެ. އަދި، އެ ފަދަ ނަތީޖާއެއް ތަކުރާރުކުރެވޭތޯ، ލެހަކާ އިއްޔެގެ ފައިނަލުގައި ވެސް ހިތްވަރު ކުރި އެވެ. އެކަމަކު، އަލްކަރާޒް ހުރީ މާ ފަސޭހައިން ބަލިކުރެވޭ ފޯމެއްގައެއް ނޫނެވެ.
އަލްކަރާޒް، މި މެޗުން މޮޅުވިއިރު، ސެޓުތައް ދިޔައި، 7-5 6-7 (5-7) 6-2 އިންނެވެ. މި ނަތީޖާއާ އެކު، އަލްކަރާޒް ކެރިއަރުގެ 21 ވަނަ ތަށި ހޯދިއިރު، މިއީ މި އަހަރުގެ ފަސް ވަނަ ތަށްޓެވެ. މި ކާމިޔާބީއާ އެކު، އަލްކަރާޒް ދެން އަމާޒުހިފާފައިވަނީ، ގްރާސް ކޯޓުގައި ދެން އޮތް މުބާރާތް، ވިމްބަލްޑަން ޖެހިޖެހިގެން ތިން ވަނަ ފަަހަރު ހޯދުމަށެވެ.
"މި ތަށި އަނެއްކާ ވެސް އުފުލާލެވުމުން ވަރަށް އުފާވެއްޖެ، ހަގީގަތުގައި މާ ބޮޑު އުންމީދުތަކެއް ހިފައިގެން ކާމިޔާބު ހޯދުމުގެ އަޒުމަށް ވުރެ، ހިތުގައި އޮތީ ގްރާސްގައި ކުޅެން ފަރިތަވެލަން މި މުބާރާތުގެ ބޭނުންހިފަން، އެކަމަކު، ކާމިޔާބާ އެކު އުންމީދު އާ ވެއްޖެ،" 2023 ގައި ފުރަތަމަ ފަހަރަށް ކުއީންސް ތަށި ހޯދި އަލްކަރާޒް ބުންޏެވެ.
އަލްކަރާޒް ވަނީ އެންމެ ފަހުން ކުޅުނު 18 މެޗުން ވެސް މޮޅުވެފަ އެވެ. މި ފަހަރުގެ ޓެނިސް ސީޒަނުގައި އޭނާ ކާމިޔާބުކުރި މުބާރާތްތަކަކީ، ފްރެންޗް އޯޕަން، މޮންޓެ ކާލޯ، ރޯމް އޯޕަން އަދި ރޮޓެޑަމް މުބާރާތެވެ.
ވިމްބަލްޑަން ޓެނިސް މުބާރާތް މި މަހު 30 ގައި ފަށާނެ އެވެ. އަލްކަރާޒް، މިިދިޔަ އަހަރު ވިމްބަލްޑަން ތަށި ހޯދީ ފައިނަލުގައި ނޮވަކް ޖޮކޮވިޗް ބަލިކޮށްފަ އެެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment