Advertisement

އޮނާނާ ވިއްކާލެވިގެން ނޫން ގޮތަކަށް ޔުނައިޓެޑަށް މާޓިނޭޒް ގެނެވެން ނެތް

14 ޖޫން 2025 - 14:59 0


އޮނާނާ ވިއްކާލެވިގެން ނޫން ގޮތަކަށް ޔުނައިޓެޑަށް މާޓިނޭޒް ގެނެވެން ނެތް

14 ޖޫން 2025 - 14:59 0

މެންޗެސްޓާ (ޖޫން 14) - އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާ ގައުމީ ޓީމުގެ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް ގެންނަން މެންޗެސްޓާ ޔުނައިޓެޑަށް މަސައްކަތް ކުރެވެން އޮތީ އެ ޓީމުގައި މި ވަގުތު ހުރި ގޯލްކީޕަރު، އަންދްރޭ އޮނާނާ ވިއްކާލެވިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މާޓީނޭޒް، 32، މީގެ ފަސް އަހަރު ކުރިން، ވިލާ އަށް ބަދަލުވީ، އާސެނަލް ދޫކޮށް 25 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. މިދިޔަ ސީޒަނުގެ ލީގުގެ ފަހު މެޗުގައި، ޔުނައިޓެޑް އަތުން ވިލާ ބަލިވިއިރު، މާޓީނޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެއީ، ވިލާ އަށް މާޓީނޭޒް ކުޅެދިން ފަހު މެޗުކަން އޭނާ ވަނީ އެ ކްލަބަށް އަންގައިފަ އެވެ.

އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދިން ޓީމުގައި މޮޅު ކުޅުމެއް ދެއްކި މާޓީނޭޒް އަކީ، 2022 އާއި 2024 ވަނަ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ގޯލްކީޕަރެވެ. އޭނާ ވިލާ ދޫކޮށްލަން ނިންމުމާ އެކު، ގަލަސަތަރާއި އިން ވަނީ އޮފާކޮށްފަ އެވެ. އަދި، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) އިން ވެސް އަގުބޮޑު ކޮންޓްރެކްޓްތަކެއް ލިބިފައިވާ، މާޓީނޭޒް މަޑުކުރަމުން އަންނަނީ، ޔުނައިޓެޑަށް ކަމަށް އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ވިލާ އަށް 213 މެޗު ކުޅެދީފައިވާ މާޓީނޭޒްގެ ޝައުގުވެރިކަން ހުރީ ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވުމަށެވެ. ވިލާއާ އެކު، މާޓިނޭޒްގެ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތެވެ. މާޓީނޭޒް، ޕްރިމިއާ ލީގުގެ ކްލަބަކަށް ވިލާ އިން ވިއްކާލާނީ ގެނައި އަގުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާރަ އަހަރު ޔުނައިޓެޑަށް ކުޅުނު ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު، މީގެ ދެ އަހަރު ކުރިން، ޔުނައިޓެޑުން އޮނާނާގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ. ޔުނައިޓެޑުގައި އޮނާނާ ހޭދަކުރި ދެ ސީޒަނުގައި ވެސް އޭނާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނި، އޭނާ ވިއްކާލަން އެ ކްލަބުން އޮތީ ނިންމައިފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.