Advertisement

ގައްޒާ އިން ފެންނަނީ ހިތްކުދިކުދިވާވަރުގެ މަންޒަރުތަކެއް: ގާޑިއޯލާ

10 ޖޫން 2025 - 20:49 0


ގައްޒާ އިން ފެންނަނީ ހިތްކުދިކުދިވާވަރުގެ މަންޒަރުތަކެއް: ގާޑިއޯލާ

10 ޖޫން 2025 - 20:49 0

މެންޗެސްޓާ (ޖޫން 10) - ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ގާޒާ އިން ފެންނަނީ ހިތްކުދިކުދިވާ ވަރުގެ މަންޒަރުތަކެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ މޮޅެތި ކޯޗުންގެ ތެރޭގައި ހިމެނޭ ގާޑިއޯލާ މި ގޮތަށް ބުނެފައިވަނީ، މެންޗެސްޓާ ސިޓީގައި އޭނާ ހާސިލްކޮށްފައިވާ ކާމިޔާބީ އަށް ޓަކައި، ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން އެރުވި، އޮނޮރަރީ ޑިގްރީ ލިބުމަށް ފަހު ދިން ބަސްދީގަތުމުގަ އެވެ.

"ގައްޒާ އިން އެ ފެންނަނީ ވަރަށް ހިތްދަތި، ހިތްކުދިކުދިވާ ވަރުގެ މަންޒަރުތަކެއް. އަހަރެންގެ މުޅި ހަށިގަނޑުގައި އޭގެ ވޭން އަޅާފަދަ،" ގާޑިއޯލާ ބުންޏެވެ.

"ވަރަށް ސާފުކޮށް މި ބުނަނީ، މިއީ ވިސްނުމާއި ފިކުރު ހުރި ގޮތުގެ ވާހަކައިގެ ކަމެއް ނޫން. މިއީ، އަހަރެން ރަނގަޅޭ ނޫނީ ދެން ތިބި މީހުން ގޯހެކޭ އެއް ނޫން. މިއީ އިންސާނިއްޔަތަށްޓަކައި އޮތް ލޯބީގެ ވާހަކައެއް، އަވައްޓެރިންނާ މެދު އޮންނަން ޖެހޭ ގާތްކަމާ ގުޅޭ ވާހަކައެއް،"

އިޒްރޭލުން ޒަމާނުންސުރެން ފަލަސްތީނަށް އަރައި ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ، މިހާރު ހިނގަމުން އަންނަ ކަންތައްތައް ފެށިގެންދިޔައީ، އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން، ބައިލައްކަ އަށް ވުރެ ގިނަ މީހުން ގައްޒާގައި، މަރުވެފައިވާއިރު، އޭގެ ތެރޭގައި، ހޮސްޕިޓަލްތަކަށް ދިިން ހަމަލާތަކުގައި މަރުވި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެެ.

"އަހަރެމެންނަށް މި ފެންނަނީ ހަތަރު އަހަރުގެ އަންހެން ކުއްޖެއް ނޫނީ ފިރިހެން ކުއްޖެއް ބޮމުގެ ހަމަލާއެއްގައި މަރުވާ މަންޒަރު، ނޫނީ ހޮސްޕިޓަލުގައި އޮއްވައި މަރުވާ ހާލަތަށް ދާ މަންޒަރު، މި ކަންކަން ހިތަށް ގެންނަން ވެސް އުނދަގޫ، މިއަދު މިއީ އެ މީހުންނަށް ވާ ކަމަކަށް ވެދާނެ، މާދަމާ ފަހަރުގައި މިކަން އޮތީ އަހަރެމެންނަށް ކަމެއް ނޭނގެ، އަހަރެން ވަރަށް ޖެހިލުންވޭ،" ގާޑިއޯލާ ބުންޏެވެ.

މީގެ ކުރިން ވެސް އެކި ޕޯޑިއަމްތަކުގައި ގާޑިއޯލާ ވަނީ، އިޒްރޭލުން ހިންގަމުން އަންނަ އުދުވާނާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.