Advertisement

ރަނގަޅު ޗެެލެންޖެއް ކަމަށް ބުނެ ގަސްޕެރީނީ ރޯމާއާ ހަވާލުވެއްޖެ

6 ޖޫން 2025 - 21:28 0


ރަނގަޅު ޗެެލެންޖެއް ކަމަށް ބުނެ ގަސްޕެރީނީ ރޯމާއާ ހަވާލުވެއްޖެ

6 ޖޫން 2025 - 21:28 0

ރޯމް (ޖޫން 6) - ކެރިއަރުގައި ރަނގަޅު ޗެލެންޖެއް ނެގުން މުހިންމު ކަމަށް ބުނެ، އެޓަލަންޓާ އަށް ނުވަ އަހަރު ކޯޗުކޮށްދިނުމަށް ފަހު، އެ ޓީމު ދޫކޮށްލި ތަޖުރިބާކާރު ކޯޗު، ޖިއަން ޕިއޭރޯ ގަސްޕެރީނީ، ރޯމާގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ގަސްޕެރީނީ، 67، ވަނީ މީގެ ކުރިން ފެބްރުއަރީ މަހު ވެސް، މި ސީޒަނަށް ފަހު އެޓަލާންޓާގެ ކޯޗުކަމުން ވަކިވާނެ ކަމަށް ބުނެފަ އެވެ. އަދި، އެ ވާހަަކައާ އެއްގޮތަށް، އެޓަލަންޓާއާ އެކު އޮތް ކޮންޓްރެކްޓް ފުރިހަމަކޮށް، އޭނާ ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. ރޯމާގެ ކޯޗުކަމާ، ގަސްޕެރިނީ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ފަސް ވަނައިގައި ނިންމި ރޯމާ އިން އެ ކްލަބްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، އެ ކްލަބް ރަނގަޅު މިސްރާބަށް ލީޑުކުރުމަށްޓަކައި، ގަސްޕެރިނީ އަކީ "ރަނގަޅު މީހާ" ކަމަށެވެ. އަދި، މިދިޔަ ސީޒަނަށް ފަހު، ރޯމާގެ ކޯޗުކަމުން ވަކިވި، ކްލައުޑިއޯ ރަނިއޭރީގެ ލަފާ ހޯދިއިރު، ގަސްޕެރިނީ އަށް އެ ޓީމު ގޮވައިގެން ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށެެވެ.

މޮޅު ފުޓްބޯޅައެއް ކުޅުވުމުގެ ޝައުގުވެރިކަން ގެންގުޅެ، އެކަން ކާމިޔާބު ވެސް ކޮށްފައިވާ، ގަސްޕެރީނީ ކޯޗުކަމުގެ ދަށުން އެޓަލާންޓާއިން ވަނީ ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅެފަ އެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ރޯމާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކުޅެފައިވަނީ، މީގެ އަށް އަހަރު ކުރިންނެވެ.

"އަހަރެން ރޯމާ މި ނެގީ، ވަރަށް ރަނގަޅު ޗެލެންޖެއް ނަގަން ބޭނުންވާތީވެ، ރޯމާގައި އަހަރެންގެ ކޯޗިން ކެރިއަރަށް މި ވަގުތު ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ، އަދި ރޯމާ ވެސް ބޭނުންވާ މިސްރާބަށް ދެވޭނެ،" ގަސްޕެރިނީ ބުންޏެވެ.

ރޯމާގެ ސަޕޯޓަރުން ބޭނުންވާ ފުޓްބޯޅަ ކުޅެ، އެ ކްލަބަށް ކާމިޔާބު ހޯދައިދޭން ބޭނުންވާ ކަމަށް ގަސްޕެރިނީ ވަނީ ބުނެފަ އެވެ.

ގަަސްޕެރިނީ، ސީނިއާ ލެވަލްގައި ކޯޗިން ކެރިއަރު ފެށީ މީގެ 22 އަހަރު ކުރިން، 2003 ވަނަ އަހަރު އެވެ. އެކަމަކު، 1994 ވަނަ އަހަރުން ފެށިގެން ފުޓްބޯޅަ އެޑްމިނިސްޓްރޭޝަނާއި ޔޫތު ލެވަލްގެ ކޯޗިންގައި އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.