4 ޖޫން 2025 - 12:34 1
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ދައުލަތުން މުސާރައާއި އާސަންދައަށް ދިޔަ ހަރަދު އިތުރުވިއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ބިލިއަނުން ވަނީ ދަށަށް ގޮސްފަ --- ފޮޓޯ: ރައީސް އޮފީސް
4 ޖޫން 2025 - 12:34 1
މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދު އިތުރުވިއިރު، އެ މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ބޮޑުތަނުން ދަށްވެފައިވާކަން ފިނޭންސް މިނިސްޓްރީން ބަލަހައްޓާ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އިއްޔެ އާންމުކޮށްފައިވަނީ މެއި 29، އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އަދި ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކުރީ 5.95 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް ހަރަދުވީ 5.52 ބިލިއަން ރުފިޔާ އެވެ. މިއީ 430 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރި ޖުމްލަ ހަރަދު ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 713 މިލިއަން ހަރަދުވިއިރު މި އަހަރު ހަރަދުވީ 949 މިލިއަނެވެ. މިއީ 236 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ފަސް މަހު ދައުލަތަށް އެކު ޖުމްލަ ލިބު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލައިރު 1.17 ބިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ހުރީ ސަރުކާރުން ބޮޑުކުރި ޓޫރިޒަމް ޓެކްސްތަކާއި އެއާޕޯޓު ފީ އަދި ޓެކްސް ތަކެވެ.
އަހަރު ފެށުނީއްސުރެ ދަށްވެފައިވާ އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ އަދިވެސް ހުރީ މިދިޔަ އަހަރަށްވުރެ 160 މިލިއަން ދަށުގަ އެވެ. މިހާތަނަށް ލިބުނު ހިލޭ އެހީ ވެސް މިދިޔަ އަހަރެއްވުރެ 200 މިލިއަނެއްހާ ރުފިޔާ ދަށެވެ.
މާލީ ހިސާބުތަކުން އެންމެ ބޮޑަށް ފާހަގަވަނީ ތަރައްގީގެ މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދު ބޮޑުތަނުން ދަށަށް ދިޔުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މަޝްރޫއުތަކަށް 3.6 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް މި އަހަރުގެ މިހާތަނަށް ހަރަދުކުރީ އެންމެ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ ދެ ބިލިއަނެއްހާ ރުފިޔާގެ ތަފާތެކެވެ.
ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު މަދުވާ ކަމަށް ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން އެތައް ބިލިއަނަކުން ދަށްވުމުންނެވެ.
Comment