Advertisement

ކަރަންޓު ކެނޑުމުން މާލޭގެ ސްކޫލްތައް ބަންދުކޮށްފި، ގިނަ ވިޔަފާރިތައް ވެސް ބަންދު

1 ޖޫން 2025 - 14:26 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ކަރަންޓު ކެނޑުމުން މާލޭގެ ސްކޫލްތައް ބަންދުކޮށްފި، ގިނަ ވިޔަފާރިތައް ވެސް ބަންދު

1 ޖޫން 2025 - 14:26 1

ވެރި ރަށް މާލެ، ހުޅުމާލެ، އަދި ހުޅުލެއިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުމުން މި ސަރަހައްދުގެ ސްކޫލްތަކާއި ގިނަ ވިޔަފާރިތައް ވެސް ބަންދުކޮށްފި އެވެ.

ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރެވެ. މާލޭގެ ސްކޫލްތައް ބަންދުކޮށް، ދަރިވަރުން ބަލައި އައުމަށް ބެލެނިވެރިންނަށް ސްކޫލްތަކުން ދަނީ މެސެޖު ކުރަމުންނެވެ.

ކަރަންޓު ނެތުމުން ވަރަށް ގިނަ ވިޔަފާރިތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. މާލޭގެ ބޮޑެތި ވަރަށް ގިނަ ފިހާރަތަކާއި ރެސްޓޯރަންޓުތައް މިވަގުތު ހުރީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން ވަރަށް ގިނަ އޮފީސްތަކުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ. ގިނަ އޮފީސްތައް ހިންގަނީ އިންޓަނެޓު ބޭނުންކޮށްގެން އަދި ކޮމްޕިއުޓަރުގައި ކަމަށްވާތީ ކަރަންޓު ނެތި އޮފީސްތައް ހިންގޭ ގޮތް ވަނީ ނުވެފަ އެވެ.

ކަރަންޓު ކެނޑުމުން އާންމު ދިރިއުޅުމަށް ވެސް ވަނީ ބުރޫއަރައިފަ އެވެ. އެގޮތުން މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންނަށް ފެން ލިބުމުގެ ދަތިކަން ވެސް އެބަ ކުރިމަތިވެ އެވެ.

މާލެއަކީ ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 211،908 މީހުން ނުވަތަ އާބާދީގެ 41 ޕަސެންޓު މީހުން ދިރިއުޅެނީ މާލޭގަ އެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން އަންގާފައިވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި ރައީސް މުއިއްޒު އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.

ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

"ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފަ،" ދާދި ދެންމެއަކުން ފުލުހުން ބުނެފައި ވެ އެވެ.