29 މޭ 2025 - 19:22 2
ބިންވެރިޔާ ސްކީމުގެ ދަށުން ލިބުނު ގޯތީގެ ގުރު ނެގުން ބޭއްވި އިވެންޓުގެ ތެރެއިން: މުއްތަލިބު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް މީހުން ފްލެޓަށް ބަދަލު ކުރަން ބޭނުންވެދާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް
29 މޭ 2025 - 19:22 2
ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ގޯތި ލިބިފައިވާ މީހުން ބޭނުންވެއްޖެ ނަމަ ފްލެޓަށް ބަދަލު ކުރުމަކީ އުނދަގޫ މަސައްކަތަކަށް ނުވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މާ ގިނަ ބަޔަކު އިންޓްރެސްޓް ވާނެ ކަމަކަށް. އެހެން ނަމަވެސް ގިރާވަރުން ލިބިފައި ތިބި ބަޔަކު ބޭނުންވެދާނެ. އެހެންވެއްޖެއްޔާ އަޅުގަނޑުމެންނަށް މާ އުނދަގޫ ކަމެއް ނޫން އެކަން ކުރުމަކީ. ސަރުކާރުގެ ސިޔާސަތަކީ ޝެލްޓާ ފޯރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، ގޯތި ލިބިފައިވާ މީހުންނަށް ފްލެޓު ލިބޭނީ ދެ މީހުންގެ ޕްލޮޓުގެ ގޯއްޗަކަށް ސައިޒު ބަދަލު ކުރުމަށްފަހު ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެހެންކަމުން ގޯތިން ފްލެޓަށް ބަދަލު ކުރާ ނަމަ ލިބޭނީ ދޭއް ނުވަތަ ތިން ކޮޓަރީގެ ފްލެޓެކެވެ.
"މިހާރު ބިން ހިއްކާފައި އޮތް ތަނަކުން އެއީ ގުޅީފަޅު އަދި ހުޅުމާލެ ފޭސް ދޭއް އަދި ފޭސް ތިނަކުން [ގޯތި] ލިބިފައި އޮތް ފަރާތަކުން ބިން ދޫކޮށްލާފައި ފްލެޓަށް ދިޔުމުގެ ޗާންސަކީ ވަރަށް ކުޑަ ޗާންސެއް. އެހެން ނަމަވެސް އެކަން ބޭނުންފުޅުވާ ކަމަށްވަންޏާ އެ ފުރުސަތު ދޭނަން އެއީ ދެ މީހުންގެ ސައިޒުގެ ޕްލޮޓަކަށް ބަދަލު ކުރުމަށްފަހު އެ ފުރުސަތު ދޭނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އިއުލާނުކޮށްފައިވާ ފްލެޓު ލިސްޓަށް ފްލެޓުތައް ދޭން ނިންމާފައިވާ ކަމަށް ވެސް މުއްތަލިބު މިއަދު ވިދާޅުވި އެވެ. އެކަމަކު، ފްލެޓު ހަވާލު ކުރާނީ ކަނޑައެޅިގެން މަކަރު ހަދައިގެން ޝަރުތުހަމަކޮށްފައިވާ މީހުން އުނި ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މުއްތަލިބު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން 9003 ބިން ދޫކުރި އެވެ. އެއީ ހުޅުމާލެ ފޭސް ދޭއް، ފޭސް ތިނެއް، ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ގޯތި ދޫކުރީ ގިރާވަރުފަޅުންނެވެ. އެކަމަކު ގިރާވަރުފަޅުގެ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމުގެ ފުރުސަތު މި ސަރުކާރުން ދިނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment