Advertisement

ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އަޅުވާފަ ވެސް ދުލެއް ނުކުރާނަން: ޕީޖީ އޮފީސް

29 މޭ 2025 - 11:27 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ކައުންޓާ ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައި ސިފައިން މާލޭ މަގުމަތީ ހަރަކާތްތެރިވަނީ: އައު ނިޒާމުގެ ދަށުން ވާނުވާ ބަންދުގައި ތިބި ޓެރަރިޒަމްގެ ބޮޑުން ދޫ ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ --- ފޮޓޯ: އަދަދު


ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އަޅުވާފަ ވެސް ދުލެއް ނުކުރާނަން: ޕީޖީ އޮފީސް

29 މޭ 2025 - 11:27 2

ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނަށް އައު ނިޒާމުގެ ދަށުން ޓެގު އެޅުވުމަށްފަހު ލުއި ނުދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފި އެވެ.

އަލަށް އެކުލަވާލި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން ޓެގު އެޅުވުމަށްފަހު ފުރަތަމަ ދެ މީހަކު ދޫކޮށްލީ އިއްޔެ އެވެ. މި ނިޒާމުގެ ދަށުން ލުއި ލިބޭ މީހުންގެ ތެރޭގައި ޓެރަރިޒަމުގެ ބޮޑެތި މައްސަލަތަކުގައި ވާނުވާ ބަންދުގައި ތިބި މީހުން ނުހިމެނޭ ކަމަށް ޕީޖީގެ އޮފީހުން ބުނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވޭ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް މިނާ ގޮތެއް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައެއް ނެތެވެ. ނަމަވެސް އައު ނިޒާމުގެ ދަށުން ބަންދަށް ލުއި ދެނީ އެ މީހަކު ބަންދުން ދޫކޮށްލުމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ މިންވަރު ބެލުމަށް ފުލުހުންނާއި ކަރެކްޝަނުން ހަދާ އެސެސްމަންޓަކަށް ބެލުމަށްފަހު އެވެ.

މިކަމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޓެރަރިޒަމުގެ ބޮޑު މައްސަލައެއް ގޮތުގައި ބަލާނީ ދީނީ ނުވަތަ ސިޔާސީ ނުވަތަ ހަރުކަށި ފިކުރެއް ކުރިއެރުވުމުގެ މުގާބިލުގައި، ތިރީގައިވާ އަމަލެއް ހިންގައިގެން ދައުވާކޮށްފައިވާ މައްސަލަތައް ކަމަށެވެ. އެ އަމަލުތަކަކީ؛

1. މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން

2. ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން

3. ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން

4. މުދަލަށް ބޮޑެތި ގެއްލުން ދިނުން

5. ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން

6. އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން

މިހާރު ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ ޓެރަރިޒަމް މައްސަލަތަކުގެ ތެރޭގައި ތ. ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު މައްސަލައާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ އަދި ޖުމްހުރީ ޕާޓީގެ ހަރުގެ ކަމަށްވާ ކުނޫޒު ގޮއްވާލަން ރޭވި މައްސަލަ ހިމެނެ އެވެ.